ފާރިސް މައުމޫން

ކޯލިޝަން ހެދުމަށް ޕީޕީއެމް-ޕީއެންސީން އެމްއާރްއެމްއާ މަޝްވަރާކޮށްފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތްކުރުމަށް ޕީޕީއެމް-ޕީއެންސީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް -- އެމްއާރްއެމް އިން މިއަދު މަޝްވަރާކޮށްފި އެވެ.

މި ބައްދަލުކުރެއްވުމުގައި ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުންނާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް -- އެމްއާރްއެމްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްވަރާތައް ބާއްވާފައިވާއިރު އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން މަޝްވަރާ ބައްދަލުވުމަކަށް ދައުވަތު ލިބިފައިވާ ކަމަށް އެމްއާރްއެމްގެ ރައީސް އަދި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

ފާރިސް ވަނީ އިންތިހާބުގައި ނިންމަވާ ގޮތެއް ހާމަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ފާރިސް އަށް ލިބިވަޑައިގަތީ 2،979 ވޯޓު -- 1.35 ޕަސަންޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް މަޝްވަރާތައް މިހާރު ދަނީ ކުރަމުންނެވެ.