ޑރ. މުހައްމަދު މުއިއްޒު

އަސާސީ ހިދުމަތަކީ ދޭންޖެހޭ އެއްޗެއް، ވައުދުވާކަށް ނުޖެހޭ: މުއިއްޒު

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނިކުމެ ވައުދުވެވަޑައިގަންނަވަން ޖެހެނީ ސަރުކާރުން އިހުމާލުވެފައިވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި އެ ކަންތަކަކީ ވައުދުވެވަޑައިގަންނަވަން ޖެހޭ ކަންތައްތަކެއް ނޫން ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. މުރައިދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ މިއަދަކީ ގައުމީ ދުވަސް ކަމަށްވާތީ ގައުމީ ރޫހު ވަރުގަދަކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާއަށް ވޯޓުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ގައުމީ ރޫހު ވަރުގަދަ ކުރުމަކީ ވަކި ޕާޓީއަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ ރޫހު ވަރުގަދަކުރުމުގައި އެއްވެސް ޕާޓީއެއްގެ ސަބަބުން ހިޔާލު ތަފާތު ވެގެން ނުވާނެ ކަމަށެވެ. އަދި ގައުމީ ރޫހުގައި މުރައިދޫގައި ތިބި ދަ ޑިމޮކްރެޓްސްގެ މެންބަރުން އޭނާއަށް ވޯޓު ދޭން ނިންމާފައިވާތީ މުއިއްޒު ވަނީ އެކަން ވަރަށް ފާހަގަކުރައްވާފަ އެވެ.

"އެއީ މިދެންނެވި ވާހަކަ އަކީ. ގައުމީ މި މައްސަލައިގައި އެ ބޭފުޅަކު ހުންނެވި ޕާޓީއެއްގެ ސަބަބުން މި ސާފުކޮށް ފެންނަން އޮތް ކަމެއް ނުފެންނަ ކަމަށް ވާންޖެހޭ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެން އެކަތިގަނޑަކަށް ވެގެން ގައުމު ސަލާމަތް ކުރުމަށް މިއަދު ނިކުންނަން ޖެހޭ ކަމަށެވެ. އެހެންވެ ގައުމީ ވިސްނުމުގައި އެންމެން ނިކުމެ ވޯޓުލުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު އެދެން އެމްޑީޕީ ބޭފުޅުންވެސް މިކަމުގައި ގައުމީ ވިސްނުން އިސްކުރެއްވުމަށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާ ރަށްރަށަށް ވަޑައިގެން ވައުދުވެވަޑައިގަންނަވަން ޖެހެނީ މި ސަރުކާރުން އިހުމާލުވެފައިވާ ކަންތައްތައް ކޮށްދިނުމަށް ކަމަށެވެ. ސިއްހީ ނިޒާމާއި ސްކޫލްތަކުގައި ހައްލުކޮށްދޭން ޖެހިފައިވާ ކަންތައްތަކާއި ރަށްގިރުމުގެ މައްސަލައިގެ އިތުރަށް ކުނި މެނޭޖު ކުރުމުގެ މައްސަލަތަކަށް މި ސަރުކާރުން އިހުމާލުވެފައިވާ ކަމުގައި ވިދާޅުވި އެވެ.

"ހަމަ ރަނގަޅު ކުރަން މިހިރީ ހަގީގަތުގައި ސަރުކާރެއްގެ ލެވެލްގައި ރަށެއްގައި ކުރަން ޖެހިފައި ހުރި އަސާސީ ކަންކަން. ދެން މި ޖެހެނީ ކެމްޕޭނަކަށް އައިސް އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުން ވައުދު ގޮތުގައި މި ކަންތައްތަކަށް ވައުދުވާން. އަސްލު ވައުދުވާން ޖެހޭ ވަރު ކަންކަމެއްވެސް ނޫން މި ހުންނަނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ މުރައިދޫގެ ވައުދުތައް

  • ޒަމަނީ ފެންވަރަށް ސިއްހީ މަރުކަޒު ހަދައިދިނުން
  • ލެބޯޓަރީގެ ހިދުމަތް ލިބޭނެ ގޮތް ހަދައިދިނުން
  • ސްކޫލްގެ ހިދުމަތްތައް ވަރުގަދަ ކުރުން
  • އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްދިނުން
  • ޒުވާނުންގެ މަރުކަޒެއް ގާއިމުކޮށްދިނުން
  • އައުޓްޑޯ ކުޅިވަރު ފެސިލިޓީސް އިތުރު ކޮށްދިނުން
  • ކުނިމެނޭޖު ކުރުމުގެ ނިޒާމު ވަރުގަދަ ކުރުން
  • ރަށް ގިރުމުގެ މައްސަލަ ހައްލުކުރުން
  • އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ލުއި ލޯނު ފޯރުކޮށްދިނުން
  • ޒަމާނީ ފެންވަރަށް މަގުތައް ހަދައިދިނުން

މުރައިދޫގެ ތަރައްގީއަށްޓަކައި ކޮށްދިނުމަށް ވައުދުވި ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް މުއިއްޒު ވަނީ ދެއްވާފަ އެވެ. އަދި ފުރަތަމަ ބުރުގައި އެ ރަށުން ލިބުނު ކާމިޔާބީއަށްވުރެ މާބޮޑު ކާމިޔާބީއެއް ދެވަނަ ބުރުގައި ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.