އިންސާނީ ހައްގުތައް މުހިއްމުވާން ޖެހޭނީ ހަމައެކަނި އިޒްރޭލަށް ނޫން ކަމަށް ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.
އޭނާ އަދި ވިދާޅުވީ އަމިއްލަ ނަފުސުގެ ދިފާއުގައި ވަކާލާތުކުރުމާއި ބާރުވެރިވުމުގެ ހައްގު ފަލަސްތީންގެ އާންމުންނަށް ވެސް އޮންނަންވާނެ ކަމަށެވެ.
ފަލަސްތީންގެ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން ކުއްލިއަކަށް މިއަދު އިޒްރޭލަށް ދޭން ފެށި ހަމަލާތަކަށް ރައްދުދިނުމަށް ޔަހޫދީ އިޒްރޭލުން ވަނީ ހަނގުރާމައަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.
ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުގެ 20 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 540 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފަ އެވެ.
ޣައްޒާގެ ރޮކެޓްތަކުން އިޒްރޭލަށް ވަރަށް ބޮޑު ގެއްލުމެއް މިފަހަރު ވަނީ ލިބިފަ އެވެ. ފަލަސްތީންގެ އަވަށްތަކުގައި ގެދޮރުއަޅައިގެން ތިބި ޔަހޫދީންގެ ބައެއް އާއިލާތައް ވަނީ ބިރުން ދުވެ ފިލާފަ އެވެ.
އިޒްރޭލުގެ ވެރިރަށް ތެލްއަވީވަށާއި ޖެހިގެން އޮނަން އަވަށްތަކަށް ހަމާސްގެ ރޮކެޓްތައް ވަނީ ވާރޭވެހޭހެން ވެހިފަ އެވެ.
އިޒްރޭލަށް ލިބިފައި އޮތް އަސްކަރީ ބާރުވެރިކަމާ އެކުވެސް، ޣައްޒާއިން ފޮނުވި ވަރަށް ގިނަ ރޮކެޓް އިޒްރޭލުގެ ތެރެއަށް ވަނީ އޮހިފަ އެވެ.
ހަމާސްއަށް ތާއީދުކުރާ ހަނގުރާމަވެރި ގުރޫޕްތަކުން އިޒްރޭލު ބޯޑަރު ހުރަސްކޮށް އެ ގައުމަށް އަރައި އާއިލާތައް އަސީރުކޮށް އަދި އިމާރާތްތަކުގައި ވަނީ ހުޅުޖަހާފަ އެވެ.
ޣައްޒާގައި އަސީރުކޮށްފައި ތިބި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންނާއި އާންމުން ހިމެނޭ ކަމަށް އިޒްރޭލުގެ ނޫސްތަކުން ވެސް ކަށަވަރުކޮށްދެ އެވެ.