ދުނިޔެ

ހަނގުރާމައަށް ފަހުވެސް ދެ ދައުލަތަށް ގަބޫލެއް ނޫން: ނަތަންޔާހޫ

ޣައްޒާ ހަނގުރާމަ ހުއްޓާލަން ގޮވާ އަޑު ދުނިޔޭގައި ކިތަންމެ ގަދަ ނަމަވެސް ހަނގުރާމައަށް ފަހުވެސް ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް ބުނާ ބުނުމާ ދެކޮޅު ކަމަށް އިޒުރޭލުގެ ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް ބުނެ އެމެރިކާ ކިތަންމެ ޕްރެޝަރެއް ކުރި ނަމަވެސް ހަނގުރާމަ ހުއްޓާލަން ޖެހޭ ޝަރުތަކަށް އެކަން ނުވާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއީ އެމެރިކާއާއި ޔަހޫދީންނާ ދެމެދު ގުޅުން ހަރާބުވެފައި އޮތް ކަމުގެ ނިޝާނެކެވެ.

ޔަހޫދީންނަށް މިނިވަންކަމުގައި މެދުއިރުމަތީގައި ދެމިއޮވެވޭނީ ފަލަސްތީނަށް މިނިވަން ދައުލަތެއް ހަމަޖެހިގެން ކަމަށް ބުނި ނަމަވެސް އިޒުރޭލު ހިންގުމުގައި މިހާރު ތިބި ބޯހަރު ވެރިން އެކަން ގަބޫލުކުރަން ބޭނުން ނުވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އެމެރިކާއާއި ޔޫރަޕުން ކިތަންމެ ވަރަކަށް ގޮވި ނަމަވެސް ޒަޔަނިސްޓުން ތިބީ ހަމަލާތައް ހުއްޓާލާފައި ޣައްޒާއިން ފައިބާ ގޮތަކަށް ނޫނެވެ. ޣައްޒާއިން ފައިބައިފިނަމަ ފައިބަން ޖެހޭނީ ބޮޑު ބައްޔަކުން ބަލިވި ކަމަށް ގަބޫލުކޮށްގެންނެވެ.

ޔަހޫދީން ޣައްޒާއަށް އެއްގަމު މަގުން އަރައިގަތީ ބޮޑުބެރު ޖަހަމުން ހަމާސް ނައްތާލާނެ ކަމަށް ގޮވަމުންނެވެ. ހަނގުރާމަ ތިން މަހަށް ވުރެ ދިގުލައިގެން ދާއިރު ހަމާސް ނައްތާލެވޭނެ ކަމުގެ އެއްވެސް ނިޝާނެއް، އަލާމާތެއް ފެންނާކަށް ނެތެވެ.

އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި ހަމާސް ނައްތާލުމަކީ އިޒުރޭލަށް ކުރެވޭނެ ކަމެއް ނޫނެވެ.

ބެންޖަމިން ނަތަންޔާހޫ ކިތަންމެ އަންބާއެއް ކިޔުއްވި ނަމަވެސް، ހަމާސް އަކީ މެދުއިރުމަތިން ނެތިގެން ދާނެ ރޫހެއް ނޫން ކަމަށް އަރަބި ހުރިހާ ދައުލަތަކުން ވެސް ގަބޫލުކުރެ އެވެ.

ފަލަސްތީންގެ ރައީސް މަހްމޫދީ އައްބާސް އަކީ ހަމާސްއާ ގުޅުމެއް އޮންނަ ލީޑަރެއް ނޫން ނަމަވެސް ވިދާޅުވީ ފަލަސްތީންގެ ސިޔާސީ މަންޒަރުން ދުވަހަކުވެސް ހަމާސް ބޭރުނުވާނެ ކަމަށެވެ.

ފަލަސްތީންގެ ސިޔާސަތު ބައްޓަންކުރަން ޖެހޭނީ ހަމާސްގެ ހިއްސާއާ އެކު ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

އައްބާސް މިހެން ވިދާޅުވި ނަމަވެސް އެއީ ހަމާސް އިން ހިންގަމުން ގެންދާ ޓެރަރިސްޓު ހަމަލާތަކަށް ތާއީދުކުރެއްވުމެއް ނޫނެވެ. ހަމާސްގެ ސަބަބުން ފަލަސްތީނަށް ހެޔޮ ގޮތަށް ވުރެ ބޮޑަށް ވަނީ ދެރަ ގޮތެވެ.