ހަބަރު

އިމާރާތަކުން ވެއްޓުނު ދަގަނޑު ގަނޑުން ޖެހި މީހަކަށް އަނިޔާވެއްޖެ

ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ދަގަނޑު ގަނޑަކުން ޖެހި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ. އަނިޔާވެފައިވަނީ ބިދޭސީއަކަށެވެ.

އަނިޔާވި ބިދޭސީމީހާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެމުން ގެންދާއިރު އެމީހާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ. މޫކައި ހޮޓެލް ކައިރީގައި ހަދަމުންދިޔަ މި އިމާރާތުން ވެއްޓުނު ދަގަނޑު ގަނޑުން ޖެހި އަނިޔާވި މީހާއަކީ އެތަނުގައި މަސައްކަތްކުރާ މީހެއް ކަމެއް ނުވަތަ އެ މަގުން ހިނގާފައި ދިޔަ މީހެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް ބުނެފަ އެވެ.

މީގެކުރިން ވެސް މާލޭގައި މިފަދަ ހާދިސާތަކެއް ވަނީ ހިނގާފަ އެވެ. އެގޮތުން ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ބުރުމާ ކައްޓަކުން ޖެހި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއްވެފައިވެ އެވެ. މާލޭގައި ގިނަ އިމާރާތްތަކެއް ހަދަމުންދާއިރު، އެފަދަ އިމާރާތްތަކުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ހުންނަ ފާހަގަކޮށްލެވެ އެވެ.