ހަބަރު

ލާދީނީ ކަމެއް މި ސަރުކާރުން ނުކުރޭ: ޕީޕީއެމް

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ލާދީނީ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ. އެ ޕާޓީން ނެރުނު ބަޔާނުގައި ވަނީ އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އަދާލަތު ޕާޓިން ރޭ ބޭއްވި ޖަލްސާގައި ސަރުކާރަށް ނިސްބަތްކޮށް ލާދީނީ ސަރުކާރެއް ކަމަށް ބުނެ، ހަގީގަތާ ހިލާފަށް ދައްކާފައިވާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އާދަލަތު ޕާޓީން ރޭ ދެއްކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"އަދާލަތު ޕާޓީގެ ފަރާތުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ވެރިން މިހާރު އުފެދިފައިވާ ސަރުކާރަށް ނިސްބަތްކޮށް މި ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށާއި އަދި ދީނީ ކަންކަމަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށް ދޭހަވާ ގޮތަށް ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެކެވެ." ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ޕީޕީއެމްއިން ބުނީ އަދާލަތު ޕާޓީގެ ފަރާތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ ހުދޫދުގެ ބޭރުން ބޭނުންކޮށް ހަގީގަތާ ހިލާފަށް ރައްޔިތުންނަށް ކަންކަން އޮޅުވާލުމުގެ މަގުސަދުގައި ދައްކާފައިވާ ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ.

އެކަންކަން އެގޮތަށް ނުކުރުމަށާއި، ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެ، ދީނީ ގޮތުން ކަންކަން ރައްޔިތުންނަށް އޮޅުވާނުލާ، ހަގީގަތާ އެއްގޮތަށް ވާހަކަތައް ދެއްކުމަށް އަދާލަތު ޕާޓީއަށް ޕީޕީއެމްއިން ވަނީ ގޮވާލާފަ އެވެ.

"މި ސަރުކާރު ދެމި އޮންނަނީ އިސްލާމްދީނުގެ ރިވެތި އުސޫލުތައް މަތީ، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ ސަރުކާރެއްގެ ގޮތުގައެވެ. އަދި ލާދީނީ އެއްވެސް ކަމެއް މިއަދުގެ ސަރުކާރުން ކުރައްވާފައެއް ނުވެއެވެ. އަދި އެފަދަ ކަމެއް މި ސަރުކާރުން ނުކުރައްވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ." ބަޔާނުގައިވެ އެވެ.