ދުނިޔެ

ހަމާސް ކުށްވެރިކުރަން އައްބާސް ދެކޮޅު ހައްދަވައިފި

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްއަށް ފޯނުކުރައްވައި ހަމާސް ކުށްވެރިކުރެއްވުމަށް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ޕްރެޝަރުކޮށްފި އެވެ.

ހުޅަނގުގެ ވެރިން އައްބާސްއަށް ގުޅުއްވައި ހަމާސް ކުށްވެރިކޮށް ބަޔާނެއް ނުނެރުއްވައިފި ނަމަ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ފަލަސްތީނަށް ދެމުންދާ އެހީތައް ހުއްޓާލާނެ ކަމަށް ވަނީ ބުނެ އިންޒާރުދީފަ އެވެ.

މިކަން ހިނގާދިޔަ ގޮތް ދެނެތިބި މީހުން ޚަބަރަށް ކިޔައިދިން ގޮތުގައި -- ފަލަސްތީނަށް ދޭ އެހީއަކީ ހަމާސްއަށް ދޭ އެހީއެއް ނޫން ކަމަށް ވިދާޅުވެ، ހަމާސް ކުށްވެރިކުރައްވައި ބަހެއް ވިދާޅުވާން އައްބާސް ދެކޮޅުހެއްދެވި އެވެ.

އައްބާސްގެ ބަސްމަގު މިފަހަރު ހުރީ، ކިތަންމެ ޕްރެޝަރެއް ކުރިމަތިވަޑައިގެންނެވި ނަމަވެސް، ހަމާސް ކުށްވަރިކުރައްވައި ބަޔާނެއް ނެރުއްވާ ގޮތަށް ނޫން ކަމަށް ވެއެވެ.

މިދިއަ ހޮނިހިރު ދުވަހު ހަމާސްގެ އަސްކަރީ ގޮފިން ޔަހޫދީ ދައުލަތަށް އަމާޒުކުރި ރޮކެޓް ހަމަލާތައް ފެނި އެންމެ ބޮޑަށް ބިރުގަތް ގައުމަކީ އެމެރިކާ އެވެ. އެމެރިކާ އަޑީގައި އޮވެގެން ޔޫރަޕްގެ ވެރިންނަށް ގުޅައި ހަމާސް ކުށްވެރިކޮށް ބަޔާންތައް ނެރުމަށް ދަނީ އަމުރުކުރަމުންނެވެ.

ނަމަވެސް، ހަމާސް އަކީ -- ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ އަޅާ ބަލާއިރު، ކަންފުޅެއް ވެސް ކުރެވޭނެ ވަރުގެ ބައެއް ނޫންކަން ހުޅަނގުގެ ބައެއް ވެރިން ދަނެ އެވެ. މިހެން ކަމުން ހަމާސް ކުށްވެރިކުރުމުގެ ބަދަލުގައި އެ ގައުމުތަކުން އިސްކަން ދެނީ މަސްރަހު ފިނިކުރުމަށެވެ.

ޔަހޫދީ ދައުލަތުން މުޅި ޣައްޒާ ސުންނާފަތިކޮށް ބިމާހަމަކުރަމުން އަންނައިރު އެމެރިކާ އަދި ނުފޫޒުގަދަ ގައުމުތަކުގެ މަސްލަހަތު އޮތީ ޔަހޫދީން ހިމާޔަތްކުރުމަށެވެ.

ޔަހޫދީ ދައުލަތަށް ބޭނުން ޖެހިދާނެ ކަމަށް ޖަރުމަނުން ޑްރޯން ވަނީ ފޮނުވާފަ އެވެ. ފަރަންސޭސިވިލާތުން ހަތިޔާރު ގުޅުން ހުރި އުންޑަ ފޮނުވާނެ ކަމަށް އޮތީ ބުނެފަ އެވެ.

އަނެއްކޮޅުން، ދުނިޔޭގައި ޝައިތާނެއްގެ ދައުރު އަދާކުރާ އެމެރިކާ އޮތީ އެތެރެހައްޓަށް ދާންދެން ޔަހޫދީ ވަޒަންވެރިންގެ ހިމާޔަތުގައި -- މުޅި ގައުމު ހުޅުވާލައިގެންނެވެ.

ޔަހޫދީ ދައުލަތުން ކަމަކަށް އެދިއްޖެ ނަމަ އަދި ޣައްޒާ އަންދާލެވޭ ވަރަށް ބަޑިބޭހާއި ވައިޓް ފޮސްފަރަސްއަށް އެދުނު ނަމަވެސް އެމެރިކާ އޮތީ ސަޕްލައިކޮށްދޭ ގޮތަށެވެ.