ފައިސަލް ނަސީމް

ބަދަލުތަކާ އެއްގޮތަށް ހުނަރު އިތުރުކުރުމަށް އެދިވަޑައިގެންފި

ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ އެއްގޮތަށް ހުނަރު އިތުރުކުރުމަށް މަސައްކަތްކުރުމަށް ނައިބް ރައީސް ފައިސަލް ނަސީމު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން އާއި ވޯލްޑް އޮފް ޓުމޯރޯ ގުޅިގެން ކުރިއަށް ގެންދާ "ކޯޗިން މާސްޓަ ކްލާސް" ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅު ގައެވެ.

ވިލާ ނޯޓިކާ ރިސޯޓުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ހަލުވި ދުވެއްޔާއި އެކު ބަދަލުވަމުން އަންނަ ދުނިޔޭގައި އުމުރުގެ ކޮންމެ ހިސާބެއްގައިވެސް އުނގެނުމުގެ ފުރުސަތު އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ ފަންނުވެރިކަން ކުރިއެރުވުމަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ނަމޫނާ ދެއްކުން މުހިއްމު ކަމަށެވެ. މީގެ އިތުރުން ވަސީލަތްތައް މަދު ރާއްޖެ ފަދަ ކުޑަ ގައުމަކަށް އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްތެރިންގެ ހުނަރުވެރިކަން އިތުރުކުރަންޖެހޭ ކަމުގައިވެސް ނައިބް ރައީސް ވިދާޅުވި އެެވެ.

ކޯޗިން މާސްޓަ ކްލާސްގެ ފުރަތަމަ ސެޝަން ނަންގަވައިދެއްވީ އައިސީއެފްގެ ވައިސް ޕްރެޒިޑެންޓް ރޮބަޓް ގާސިއާ އެވެ. މި ސެޝަން މައުލޫއަކީ "ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޯގަނައިޒޭޝަންސް" އެވެ.

ރާއްޖޭގެ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ކޮންމެ ދާއިރާއަކަށްވެސް ބޭނުންވާ ފުރިހަމަ ތަމްރީންތައް ހިންގުމުގެ ސަގާފަތެއް އަށަގެންނެވުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.