ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ގްރޫޕް ސީއީއޯ. ޝައިޚް މުހައްމަދު ބިން އަބްދުﷲ އަލް ތާނީ އަދި އުރީދޫ ގްރޫޕްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން އުރީދޫއިން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފުރިހަމަ ހިދުމަތް ފާހަގަކުރައްވާ އުރީދޫގެ ރާއްޖޭގެ ގޮފީގެ ޓީމު ހިމެނޭހެން އުރީދޫ ގްރޫޕުގެ ލީޑަޝިޕަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސް މުއިއްޒުއާއި އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ ވަނީ ރާއްޖެއާ އުރީދޫ ގްރޫޕުން އިސްކަންދޭ އަދި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުންނާއި ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯގެ ވާހަކައިގައި އުރީދޫ ގްރޫޕުގެ ސީއެސްއާރުގެ ދަށުން ރާއްޖޭގައި ކުރިޔަށްގެންދާ މަސައްކަތްތަކާއި ހަރަކާތްތަކަށް އަލިއަޅުވާލެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު އާއި އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ ވަނީ ރާއްޖޭގެ ރައްޔިތުންނަށް ލިބިދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފަ އެވެ.