ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުވޭތުގެ އަމީރު އައްޝައިހް ނަވާފް އަލްއަހްމަދު އަލްޖާބިރު އައްސަބާހް އަވަހާރަވުމާ ގުޅިގެން ކުވޭތުގެ ވަލީއަހުދު އައްޝައިހް މިޝްއަލް އަލްއަހްމަދު އަލްޖަބާރުއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ކުވޭތުގެ އަމީރު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވި އެވެ.
ކުވޭތުގެ އަމީރު އައްޝައިހް ނަވާފް އަކީ ދުރުވިސްނުން ގެންގުޅުއްވި، ސާބިތުކަމާއެކު އެ ގައުމާއި ރައްޔިތުންގެ ހައްގުގައި ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވި އޯގާތެރި ހިދުމަތްތެރި ލީޑަރެއްގެ ގޮތުގައި ރައީސްގެ މެސެޖުގައި ސިފަކުރެއްވި އެވެ. އަދި އެ މަނިކުފާނުގެ ހިދުމަތުގެ ފޮނި މާޒީ ކުވޭތުގެ ކުރިއެރުމާއެކުއެކީގައި ހަނދުމަ އައުކުރެވިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކުވޭތާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމަކީ ދެ ގައުމުގެ މެދުގައި އޮތް އިތުބާރާއި އިހްތިރާމާއި ސުލްހައާއި ތަމައްދުންގެ މައްޗަށް އެކުލެވިފައިވާ ވަރަށް އަޚްވަންތަ ގުޅުމެއް ކަމުގައި ވިދާޅުވި އެވެ.
މީގެއިތުރުން ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުވެސް، ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ އާއިލާއަށް ލިބުނު ފުން ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަކުރެއްވި އެވެ.
ކުވޭތުގެ އަމީރު އަވަހާރަވުމާ ގުޅިގެން މާދަމާ އިން ފެށިގެން ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ.