މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ހުރިހާ ކޯޓާއެއް ލިބުނަސް ފުރިހަމައަށް ހިދުމަތް ދެވޭނެ: ޝަކީލް

ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ލިބިފައިވީ ނަމަވެސް ހައްޖުވެރިންނަށް އެންމެ ފުރިހަމައަށް ހިދުމަތް ދިނުމުގެ ގާބިލްކަން އެބަހުރި ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއި އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަނާ ދޭތެރޭގައި ރައްޔިތުންގެ އޮތް އުއްމީދުތަކާ އެއްވަރަށް ހިދުމަތް ދޭން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ހައްޖުގެ ހުރިހާ ކޯޓާއެއް ލިބިއްޖެނަމަ ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ވެެއިޓިން ލިސްޓްގައި ތިބި މީހުންނަށް ދީފައިވާ އަހަރަށް ވުރެ ކުރިން ހައްޖަށް ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ޕެންޑިން ލިސްޓް ކުރިން ދިގުވަނީ ރާއްޖެއަށް ލިބޭ ކޯޓާގެ ދެބައިކޮށްފައި އެއްބައި ހައްޖު ކޯޕަރޭޝަނަށް ލިބޭތީ،" ޝަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިވަގުތު ހައްޖު ކޯޕަރޭޝަންގައި ތިބި މުވައްޒަފުންގެ އަދަދު ކިތަންމެ މަދުނަމަވެސް އެ މުވައްޒަފުންނަކީ މީހުން ހައްޖަށް ގެންދިއުމުގައި ރާއްޖެއިން ހޯދޭނެ އެންމެ ތަޖުރިބާކާރު ޓީމު ކަމަށެވެ.

މުވައްޒަފުން މަދުނަމަވެސް ފުލް ކޯޓާ ލިބުނީމަ މަސައްކަތްކުރެވޭނެ ކެޕޭސިޓީ މުވައްޒަފުންގެ އެބަހުރިކަމަށެވެ.އަދި އުސޫލުތަކެއް ގާއިމްކޮށް އެއާ އެއްގޮތައް މަސައްކަތް ކުރުމަށް މުވައްޒަފުންނަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަނުން ހައްޖަށް މީހުން ގެންދާއިރު އެ މީހުންނަށް އެހީވުމަށް ކޮންމެ އަހަރަކުވެސް އެހީތެރިން ހޯދަ އެވެ. ޝަކީލް ވިދާޅުވި ގޮތުގައި އެހީތެރިންގެ ގޮތުގައި ނެގުމަށް ވިސްނުން ހުރީ ފުލުހުންނާއި ސިފައިންނެވެ.

"އެމީހުންނަކީ ވަކި ޓްރެއިންއެއް ދީގެން ތަމްރީން ކޮށްފައިވާ ބައެއް. ކްރައިސިސްއެއް ދިމާވެއްޖެ ހާލަތެއްގައި ކަންތައް ކުރަންވީ ގޮތް އެމީހުންނަށް އެނގޭނެ. އެހެންވެ ފުލުހުންނާއި ސިފައިންނަށް އިސްކަންދެނީ،" ޝަކީލް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދަކީ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 1،000 ފަގީރުން ހިލޭ ހައްޖަށް ފޮނުވުމެވެ. އެގޮތުން މިފެށޭ އަހަރުގައި 50 މީހުން ހައްޖަށް ފޮނުވުމަށް ރައީސް މިހާރު ވަނީ ނިންމަވާފަ އެވެ.

މިކަމާ ގުޅިގެން ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަށް ފުލް ކޯޓާ ލިބުމުން އެއްވެސް ދަތިކަމެއްނެތި ރައީސް ވައުދު ފުއްދުމަށް 1،000 މީހުން ފަސް އަހަރުގެ ތެރޭގައި ހައްޖަށް ފޮނުވޭނެ ކަމަށެވެ. ހައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުންފުނީގެ ގާބިލްކަން ހުރި މިންވަރަކުން ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.