އެމްޓީސީސީ

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުޣުނީ

ސްޓެލްކޯގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

މުޣުނީ މި މަގާމަށް އައްޔަންކުރި ވަކި ދުވަހެއް އެނގޭ ގޮތެއް ނުވި އެވެ.

އެމްޓީސީސީގެ ވެބްސައިޓްގައި ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހަސަން މުޣުނީއާއި އެކު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި މުހައްމަދު ޖަމްޝީދުވެސް އެބަހުންނެވި އެވެ.

މިސަރުކާރުގައި މުޣުނީ އެންމެ ފުރަތަމަ އައްޔަންކުރަން މަސައްކަތް ކުރީ ޕްރައިވެޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށެވެ. ނަމަވެސް ބޯޑު އަލުން އެކުލަވާލީ އޭނާ ނުހިމަނަ އެވެ.

މުޣުނީ ވަނީ ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާފަ އެވެ.

މުޣުނީ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަސިޓީން ބެޗެލާ އޮފް ސައިންސް ހާސިލްކުރައްވާ އެމެރިކާގެ ބްރޭންޑައިސް އިންޓަނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފަ އެވެ.