އެމްޓީސީސީ

އެމްޓީސީސީގެ ސީއީއޯގެ މަގާމަށް ސައުދު

އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ އައްޔަންކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއަދާ ހަމައަށް އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވީ އަބްދުﷲ ޒިޔާދު އެވެ.

ނަމަވެސް މިއަދު ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޒިޔާދު ބަދަލުކޮށް، އެމްޓީސީސީގެ ސީއީއޯގެ މަގާމަށް ސައުދު އައްޔަންކޮށްފަ އެވެ.

ސައުދު މިއަދާ ހަމައަށް ހުންނެވީ މާލެ ސިޓީ ކައުންސިލްގެ "ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް"ގެ އެންމެ އިސްވެރިޔާގެ ގޮތުގައެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ ރައީސް މުއިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ވަނީ ކުޑަދުވަސްކޮޅަކު އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުވެސް ފުރުއްވާފަ އެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު އޭނާ ހުންނެވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރެއްގެ ގޮތުގައެވެ.