ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް

ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑަށް ތިން ބޭފުޅަކު އައްޔަންކޮށްފި

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް -- ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ތިން ބޭފުޅަކު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން އައްޔަންކުރި ތިން ބޭފުޅުންގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެ އެވެ.

ބޯޑަށް އައްޔަންކުރެއްވި ތިން ބޭފުޅުން

  • އަހްމަދު އަލީ، މއ. ވޭސައިޑް 805 ފްލެޓް
  • ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދު، ސިންގަޕޫރު
  • ރޮބަޓް ޑުނިއެލް ކާންޓް، އިނގިރޭސިވިލާތް

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް އައްޔަންކުރި ބޭފުޅުންގެ ތެރޭގައި ހިމެނޭ އަހްމަދު އަލީ އަކީ މީރާގެ ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު ޖެނެރަލް އެވެ. އަހްމަދު ވަނީ އިސްލާމިކް ބޭންކުގެ ބޯޑް މެންބަރު ކަމާއި އެސްއެންޑްއޭ ލޯޔާސް އެލްއެލްޕީގެ ސީނިއާ ޕާޓްނަރު ޓެކްސްގެ މަގާމު ވެސް ފުރުއްވާފަ އެވެ. އަދި ދާދިފަހުން ފީފާ އިން އެކުލަވާލި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނޯމަލައިޒޭޝަން ކޮމިޓީގައިވެސް އަހްމަދު ހިމެނެ އެވެ.

އަހްމަދު އަލީ އަކީ އެކައުންޓިން ދާއިރާ އިންނާއި ޝަރިއާ އިން ލޯ އިން ޑިގްރީ ހާސިލްކުރައްވާފަ އެވެ. އަހްމަދު މާސްޓާސް ހެއްދެވީ ސައިންސް އިން ފައިނޭންސިންގެ ދާއިރާ އިންނެވެ.

ޑިވެލޮޕްމަންޓް ބޭންކްގެ މައުލޫމާތު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދެވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މި ބޭންކްގެ ލައިސަންސް ހޯދުމަށް އެމްއެމްއޭ އަށް ހުށަހެޅީ މިދިޔަ ޖުލައި 28 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށްޓަކައި "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް"ގެ ނަމުގައި ކުންފުނީގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުނި އުފެއްދެވީ މިދިޔަ މެއި 16 ވަނަ ދުވަހު އެވެ.

ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތް ފަށަން ސަރުކާރުން ކުރިން ނިންމީ މިމަހުގެ ތެރޭގައެވެ.