އެމްޓީސީސީ

އެމްޓީސީސީ އިން ބޯޓުފަހަރު ބަނުމުގެ ހިދުމަތް ދޭން ފަށަނީ

ބޯޓު ފަހަރު ބަނުމުގެ ހިދުމަތް ދޭން ފެށުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީގެ ފަރާތުން މިކަން ހާމަކުރީ ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާ -- އޭޖީއެމްގައި އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދު އެވެ.

އޭޖީއެމްގައި ހިއްސާދާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔާދު ވިދާޅުވީ ބޯޓު ފަހަރު ބަނުމުގެ ހިދުމަތް ދޭން ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އުންމީދުކުރަނީ ދެން އަންނަ އޭޖީއެމްއެއް އަންނަންވާއިރަށް ބޯޓު ފަހަރު ބަންނަ ކުންފުންޏަކަށްވާނެ ކަމަށް،" ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ އެމްޓީސީސީގެ ކުރީގެ މެނޭޖްމަންޓުން ކުންފުނީގެ އެކި މަސައްކަތްތައް ފުޅާކުރަން ވިސްނާފައި ހުރި ކަމަށާއި އެ ވިސްނުމާއި އެއްގޮތަށް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

އެމްޓީސީސީ އިން ބޯޓުފަހަރު ބަނުމުގެ ހިދުމަތް ފަށަން މަސައްކަތް ކުރަމުންދާއިރު އެ ކުންފުނީގެ ބޯޓްޔާޑެއް ތިލަފުށީގައި ހުރެ އެވެ.

މި ބޯޓްޔާޑަކީ ރާއްޖޭގައި ޑޮކިން ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓްޔާޑެވެ. އެ ބޯޓްޔާޑުގައި އެއްފަހަރާ ތަފާތު ސައިޒްގެ 20 އުޅަނދު ޑޮކްކުރުމުގެ ޖާގަ އޮވެ އެވެ.

މި ބޯޓްޔާޑުން މެރިން މެކޭނިކަލް މަސައްކަތްތަކާއި އަންޑާވޯޓާ ވެލްޑިންގެ އިތުރުން ޑޮކިން އާއި ހޭންޑްލިންގެ ހިދުމަތްވެސް ދެއެވެ.