އެމްޓީސީސީ

އެމްޓީސީސީގެ އަންހެން މުވައްޒަފުންނަށް ހާއްސަ އިނާޔަތްތަކެއް

އެމްޓީސީސީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް މަސައްކަތު ގަޑީގައި ހާއްސަ ލުއިތަކެއްް ނުވަތަ "ފްލެކްސިބަލް ވާކް އެރޭންޖުމަންޓް" ހަމަޖައްސައިދޭން ނިންމައިފި އެވެ.

އެމްޓީސީސީގެ ފަރާތުން މިކަން އިއުލާންކުރެއްވީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެ ކުންފުނިން ބޭއްވި ހާއްސަ ހަފްލާގައި ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަބްދުﷲ ޒިޔާދު އެވެ.

ޒިޔާދު ވިދާޅުވީ މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން އެމްޓީސީސީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން ކަނޑައަޅާ ހާއްސަ އުސޫލުތަކެއްގެ ތެރެއިން މާބަނޑު މުވައްޒަފުން އަދި އެއް އަހަރު ނުފުރޭ ދަރިން ގެންގުޅޭ މައިންނަށް "ފްލެކްސިބަލް ވާކް އެރޭންޖުމަންޓް" ހަމަޖެހިގެންދާނެ ކަމަށެވެ.

މީގެއިތުރުން މާބަނޑު މުވައްޒަފުން އަދި ދެ އަހަރު ނުފުރޭ ދަރިން ގެންގުޅޭ މައިންނަށް ތިންގަޑިއިރުގެ ހުސްވަގުތު ކޮޅެއް ނުވަތަ ބްރޭކެއް ހަމަޖެހިގެންދާނެ ކަމުގައިވެސް ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ އުސޫލުތަކެއް ހަމަޖެއްސުމުގެ ބޭނުމަކީ އެމްޓީސީސީ އަކީ މާބަނޑު މުވައްޒަފުންނާއި ކުޑަކުދިން ބަލަހައްޓާ އަންހެން މުވައްޒަފުންނަށް ވަޒީފާ އަދާކުރަން ފަސޭހަ މާހައުލަކަށް ހަދައިދިނުން ކަމަށެވެ. އަންހެނުންގެ ދުވަސް ފާހަގަކުރާ އެންމެ ބޮޑު އެއް ސަބަބަކީ އެކި މައިދާންތަކުގައި ފިރިހެނުންނާ އެކު އަންހެނުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށާއި އަންހެނުންނަށް ފުރުސަތުތައް ހޯދައިދީ ބާރުވެރިކުރުމުގައި އެމްޓީސީސީ އަކީ ނަމޫނާ ދައްކަމުންދާ ލާމަސީލު ކުންފުންޏެއް ކަމުގައިވެސް ވިދާޅުވި އެވެ.

"1980 ވަނަ އަހަރު ކުންފުނި އުފެދުނީއްސުރެ ކުންފުނީގެ ތަރައްގީގެ ދަތުރުގައި އަންހެން މުވައްޒަފުންގެ ހިއްސާ ބޮޑު،" އެމްޓީސީސީގެ ސީއީއޯ ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ އެމްޓީސީސީގެ ސީނިއާ މެނޭޖުމަންޓުން ފެށިގެން ހުރިހާ ފަންތިއެއްގެ މުވައްޒަފުންނާ ހަމައަށް ފެންނަ މޫނުތަކުގެ ތެރޭގައި އަންހެން މުވައްޒަފުން ހިމެނިގެންދާތީ ފަހުރުވެރިވާ ކަމަށެވެ. އިދާރީ ބައިގެ އިތުރުން ޓެކްނިކަލް މުވައްޒަފުންގެ ގޮތުގައިވެސް އަންހެން މުވައްޒަފުން ހަރަކާތްތެރިވާ މަންޒަރު ބަލައިގަންނަނީ އުފަލާ އެކު ކަމަށްވެސް ވިދާޅުވި އެވެ.

"އެގޮތުން މިހާރުވެސް ކުންފުނީގެ އަންހެން މުވައްޒަފުން ޕްރޮޖެކްޓް މެނޭޖަރުންނާއި، ސައިޓް ސުޕަވައިޒަރުންނާއި، ސަވޭއިން އޮފިސަރުންގެ ގޮތުގައި ދަނީ މަސައްކަތް ކުރަމުން. އަދި ބަސް އެޓެންޑެންޓުންނާއި، ބަސް ޑްރައިވަރުންނާ އަދި ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައިވެސް މިއަދު އަންހެން މުވައްޒަފުން ދަނީ މަސައްކަތް ކުރަމުން،" ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ އުއްމީދަކީ ވެލްޑަރުންނާއި، ކާޕެންޓަރުންނާއި، ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި، ލޯންޗް އޮޕަރޭޓަރުންނާއި، ފަޅުވެރިންގެ ވަޒީފާތަކުގައިވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަންހެން މުވައްޒަފުން ހިދުމަތް ކުރާ މަންޒަރު ފެނިގެން ދިއުން ކަމަށެވެ.

"ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމްޓީސީސީގެ ކާމިޔާބީގައި އެކިއެކި ދާއިރާތަކުން ހިދުމަތްކޮށްދީފައިވާ އަދި ހިދުމަތް ކުރައްވަމުން ގެންދަވާ ހުރިހާ ކަނބަލުން ޝާމިލްވާނެހެން ވަރަށްވެސް ހާއްސަ ޝުކުރެއް ރައްދުކުރަން،" ޒިޔާދު ވިދާޅުވި އެވެ.