އެމްޓީސީސީގެ އާ މެނޭޖުމަންޓް އެ ކުންފުންޏާ ހަވާލުވިއިރު ކުންފުނީގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ބިލިއަނެއްހާ ރުފިޔާއަށް އަރާ ކަމަށް އެމްޓީސީސީގެ އާ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ޒިޔާދު ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުގައި އެމްޓީސީސީއަކީ ވަރަށް ރަނގަޅަށް ހިންގަމުން އައި ކުންފުންޏެއް ކަމަށް އާންމުންނަށް އަންގައިދެމުން ދިޔަ ކަމަށެވެ. ނަމަވެސް އެމްޓީސީސީ އޮތީ 954 މިލިއަން ރުފިޔާ އިން ދަރާފައި ކަމަށާއި އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.7 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށްވެސް ވިދާޅުވި އެވެ.
އެމްޓީސީސީގެ މާލީ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެމްޓީސީސީއަށް 3.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 130 މިލިއަން ރުފިޔާވެސް ލިބިފައިވެ އެވެ. ނަމަވެސް ސާފު ފައިދާ ލިބިފައިވާ އަދަދު 2022 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު 66 މިލއިަން ރުފިޔާ ދަށެވެ.
ޒިޔާދު ވިދާޅުވީ އޭނާ އެމްޓީސީސީގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ކުންފުންޏަށް ލިބޭ އާމްދަނީގެ 85 ޕަސަންޓަކީ ސަރުކާރުގެ މަޝްރޫއުތަކުން ލިބޭ އާމްދަނީ ކަމަށްވާތީ އަމިއްލަ މީހުންގެ މަޝްރޫއުތައް ހިންގައިގެން ތަފާތު ވިޔަފާރިތައް ކޮށްގެން އާމްދަނީ ހޯދޭނެ އިތުރު ކަންކަން ކުރައްވާނެ ކަމަށެވެ.
ޒިޔާދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ އެ ކުންފުންޏަށް މިފަހުން ލިބޭ އާމްދަނީ ތިންބައިކުޅަ އެއްބައި ހިއްސާކުރާ މަހާޖައްރާފު ނުވަތަ ކޮންނަ ބޯޓު ހަލާކުވެ ބާއްވާފައި އޮންނަތާ އަށް މަސް ދުވަސްވެފައިވާތީ އެކަމުން ކުންފުނީގެ އާމްދަނީއަށް އަސަރު ކުރާތީ އެވެ. އާމްދަނީއަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ހިންގުމުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ނިންމާފަ އެވެ.
"ހަރުމުދާ ބެލެހެއްޓުމުގައި ވެސް އެބަހުރި އިހުމާލުތަކެއް ވެފައި. އަދި ހާއްސަކޮށް މަހާޖައްރާފު އޮތް ހާލަތާ މެދު ކަންބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީއަށް އާމްދަނީ ލިބޭ އެންމެ މުހިއްމު އެއް މަސައްކަތް ކަމަށްވާ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ހަލުވިކުރުމަށްޓަކައި ޑްރެޖިން އިތުރު ބާޖަކާއި އެހެން ބައެއް މެޝިނަރީތައް ހޯދުމަށް ލޯނެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ. ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އޮޑިޓެއް ހަދަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޓީސީސީއާ ހަވާލުވެފައި ހުރި މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން އެ ކުންފުނީގެ ޕްރޮޖެކްޓްް ޑިޕާޓްމެންޓްގެ ހެޑް އަހްމަދު ލަތީފް މިވަގުތު 123 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެ ކުންފުންޏާ ހަވާލުވެފައި ހުރި 192 މަޝްރޫއުގެ ތެރެއިން 69 މަޝްރޫއު އަދި ނުފަށާ އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ. އަދި މިހާރުގެ މެނޭޖުމަންޓުން ހަތް މަޝްރޫއެއް ހޯދާފައިވާ ކަމަށާއި އެ މަޝްރޫއުތަކުގެ އަގު 360 މިލިއަން ރުފިޔާގެ އަރާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) ހުސައިން މުހައްމަދު މަނިކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލިއަނެއްހާ ރުފިޔާގެ ތެރެއިން 50 ޕަސަންޓް ދައްކަންޖެހެނީ ބޭރުގެ ކުންފުނިތަކަށް ކަމަށެވެ.
މަނިކު ވިދާޅުވީ މަޝްރޫއުތައް ހޯދުމުގައި ޑޮލަރުން އާމްދަނީ ލިބޭ މަޝްރޫއުތަކަށް މިހާރު އިސްކަން ދެމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި 19 މިލިއަން ޑޮލަރަކާއި 1.1 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ޑޮ"ލަރުން އާމްދަނީ ހޯދީމާ ކުންފުންޏަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައިވެސް ފަސޭހަވޭ. ދަރަނި ދެއްކުމަށްވެސް ފަސޭހަވޭ،" މަނިކު ވިދާޅުވި އެވެ.