ސްޓެލްކޯ

މާވެޔޮ މަގުގައި ހުރި ޓްރާންސްފޯމަރު ނަގައިފި

މާވެޔޮ މަގުގައި ހުންނަ މާވެޔޮ މިސްކިތް ކައިރީގައި ހުރި ޓްރާންސްފޯމަރު ނަގައިފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހްމީ ވިދާޅުވީ ރައްޔިތުންނަށް އުދަނގޫވާނެހެން ބަހައްޓާފައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުމަތިން ނަގާ މުޅިން ނިންމާލެވޭނެ ކަމަށެވެ.

"ރައްޔިތުންނަށް ތަކުލީފަކަށްވާ ހުރިހާ ކަމަކުން މިންޖު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، އެމަނިކުފާނުގެ އިރުޝާދުތަކާ އެއްގޮތައް މި މަސައްކަތްވެސް މި ކުރިއަށް ގެންދިޔައީ،" މަވެޔޮ މަގުގައި ހުރި ޓްރާންސްޕޯމަރު ނެގުމަށްފަހު ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފެށޭ އަހަރު އެއްވެސް ދަތިކަމެއް ނެތި އެ މަގުން ރައްޔިތުންނަށް ދަތުރު ކުރެވޭނެ ކަމަށެވެ. އަދި ދިވެހީންގެރާއްޖޭގައި ކަންކަން ހިނގަމުންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

ފަހުމީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ކުރަން ނިންމެވި މަސައްކަތަކީ މާވެޔޮ މަގުގައި ހުރި ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތެވެ. މިޓްރާންސްފޯމަރު އެސަރަހައްދުގައި ހުންނަތާ ހަ އަހަރު ދުވަސް ވެއްޖެ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވަނީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ކަމަށްވާތީ އެމަސައްކަތުގައި ސްޓެލްކޯ އިން ކުރަންޖެހޭ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށްވެސް ފަހްމީ ވިދާޅުވެފައިވެ އެވެ.