ސްޓެލްކޯ

ޗާޖިން ސްޓޭޝަންގެ ހިދުމަތް ވަރަށް އަވަހަށް ފަށަނީ

ރާއްޖޭގައި އިލެކްޓްރިކް ވެހިކަލްތައް ޗާޖުކުރެވޭ ގޮތަށް ގާއިމުކުރަން ނިންމާފައިވާ ވެހިކަލް ޗާޖިން ސްޓޭޝަންގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ ވިދާޅުވެއްޖެ އެވެ.

ފަހްމީ ވިދާޅުވީ ސްޓެލްކޯއިން ހަދަން ނިންމާފައިވާ ޗާޖިން ސްޓޭޝަންގެ މަސައްކަތް ވަރަށް އަވަހަށް ނިމި، ވަރަށް އަވަސް މުސްތަގުބަލެއްގައި އިލެކްޓްރިކް ވެހިކަލް ޗާޖުކުރެވޭ ގޮތަށް ހަދާ، ސްޓޭޝަންގެ ހިދުމަތް އާންމުންނަށް ލިބިގެންދާނެ ކަމަށެވެ.

"މި ޗާޖިން ސްޓޭޝަންގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާއިރު، މާތްﷲގެ ވާގިފުޅާއެކު ވަރަށް އަވަސް މުސްތަގުބަލެއްގައި ހަތަރުފުރޮޅުލީ އުޅަނދުގެ އިތުރުން ދެ ފޮރުޅުލީ އުޅަނދުތައްވެސް ޗާޖްކުރެވޭ ގޮތަށް ހަދާ މި ސްޓޭޝަންގެ ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ،" ފަހްމީ ވިދާޅުވި އެވެ.

ފަހުމީ އިތުރަށް ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުގެ ތެރެއިން ކާބަން ފުޓް ޕްރިންޓް ކުޑަކުރުމަށާއި އިލެކްޓްރިކް އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން ގާއިމުކުރާ ސްޓޭޝަންތަކެއް ކަމަށެވެ.

"އަދި މިކަމުގައި ސިޓީ ކައުންސިލާއި މަޝްވަރާކުރެވި، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ވަނީ ލިބިފައި،" ފަހްމީ ވިދާޅުވި އެވެ.

މި ސްޓޭޝަން ގާއިމުކުރަނީ ސްޓެލްކޯގެ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި ކަމަށް ފަހުމީ ވިދާޅުވި އެވެ.

ދެކުނު ކޮރެއާ އަކީ އެންމެ ގިނަ ޕަބްލިކް ޗާޖިން ސްޓޭޝަން ހުންނަ ގައުމުކަން ފާހަގަކޮށް ފަހުމީ ވިދާޅުވީ ޗާޖިން ސްޓޭޝަން ގާއިމުކުރަނީ އެއާ އެއްފަދަ މޮޑެލްއަކަށް ކަމަށެވެ. އަދި މި މޮޑެލްއާއެކު ކޮންމެ ތިން ކާރަކަށް ޗާޖިން ސްޓޭޝަނެއް ގާއިމުކުރެ އެވެ.

އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭ ސްޓޭޝަންތަކެއް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގެ މަގާމުގައި ހުންނެވި އިރުވެސް ވަނީ ނިންމަވާފަ އެވެ. އެގޮތުން ކައުންސިލުން ޓްރާންސްޕޯޓް ކޮމިޓީން އެކަމާ ގުޅޭ ދިރާސާތަކާއި ޕްލޭންތަކެއްވެސް ހެދި އެވެ.