ސްޓެލްކޯ

"ސްޓެލްކޯއިން ސިޓީ ކައުންސިލަށް ދައްކަންޖެހޭ ފައިސާއެއް ނުހުންނާނެ: ޝަރީފް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާލެ ސިޓީ ކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް މިހާރު ނުހުންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވަނީ ސްޓެލްކޯ އިން ކުއްޔަށް ނަގާފައިވާ ތަންތަނުގެ ބިމު ކުލީގެ ގޮތުގައި އެ ކުންފުނިން ސިޓީ ކައުންސިލަށް 68.3 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ސިޓީ ކައުންސިލުން ދައްކާ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އަދި އެއީ ކަރަންޓު ބިލު ނުދެއްކުމަށް ކައުންސިލުން ދައްކާ ބަހަނާއެއް ކަމުގައިވެސް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ބިމު ކުލީގެ ގޮތުގައި އެ ކުންފުނިން ދައްކަންޖެހޭ ފައިސާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކާ ހަލާސްކޮށްފައިވާނެ ކަމަށާއި އެކަމުގެ ލިޔުންވެސް މީރާއިން ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ސްޓަޑީ ކުރިއިރު ސިޓީ ކައުންސިލުން އެބުނާ 68 މިލިއަނެއް މި ކުންފުނިން ދައްކާކަށް ނުޖެހޭ. އަދި ދައްކަންޖެހޭ ވަރު ވާނީ މީރާއަށް ދައްކާ ހަލާސްކޮށްފައި،" ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން މީރާއާއި ސްޓެލްކޯއާއި ދެމެދު އެރި އޮޅުމެއްގެ ސަބަބުން ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާގެ ޖޫރިމަނާ ފިޔަވައި އެހެން ހުރިހާ ފައިސާއެއް އެ ކުންފުނިން ދައްކާ ނިންމާފައިވާނެ ކަމަށާއި، ޖޫރިމަނާގެ އަދަދު މައާފުކޮށްދިނުމަށް އެދި ކަމާބެހޭ ފަރާތައް ހުށަހަޅާފައިވާ ކަންވެސް ޝަރީފް ފާހަގަކުރެއްވި އެވެ. އަދި އެ އަދަދު މައާފު ނުވެއްޖެނަމަ އެ ކުންފުނިން އެ ޖޫރިމަނާ ވެސް ދައްކަން ތައްޔާރަށް ތިބި ކަމުގައި ވިދާޅުވި އެވެ.

ސްޓެލްކޯ އިން މާލޭގެ ތިން މަގެއް ބަންދުކޮށްގެން ގެންގުޅޭ ކަމަށާއި ހުޅުވަން ތަކުރާރުކޮށް އެންގުމުންވެސް މަގުތައް ވެސް މިއަދާ ހަމައަށްވެސް ސްޓެލްކޯ އިން ހުޅުވާލާފައި ނުވާ ކަމަށް ސިޓީ ކައުންސިލުން ބުނާ ބުނުމަށްވެސް ޝަރީފް ރައްދު ދެއްވި އެވެ.

އެގޮތުން ޝަރީފް ވިދާޅުވީ ސްޓެލްކޯ އޮފީސް އިމާރާތް ހިމެނޭ ކޮއްޓާ ދޭތެރޭ އޮންނަ ކަށިމާ ހިނގުމާއި، ސްޓެލްކޯ ޕަވާ ހައުސް ކޮއްޓާއި، ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި، ކުޑަކުދިންގެ ބަގީޗާއާ ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުން އާމުންނަށް ނުވަދެވޭ ގޮތަށް ބަންދުކުރުމަކީ އާންމުންނާއި ގައުމުގެ ސަލާމަތަށްތަކައި އެ ކުންފުނިން އަޅާފައިވާ ފިޔަވަޅެއް ކަމުގަ އެވެ.

"އެބުނާ ތިން މަގު އަޅުގަނޑުމެންނަށް ނެތް ހުޅުވޭކަށް. އިންޖީނުތައް ބަހައްޓާފަ ހުންނަ ސަރަހައްދާ އެހާ ކައިރިން ކިހިނެއްތޯ އާންމުންނަށް ދަތުރުކުރުމުގެ ފުރުސަތު ދޭނީ. އެއީ ގައުމާ މާލޭގެ ސަލާމަތަށްޓަކައި ބަންދުކޮށްފައި ހުރި މަގުތަކެއް،" ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯގެ އިހުތިސޯސްގެ ތެރޭގައި އެ ތިން މަގު ހިމަނައިދިނުމަށް ކަމާބެހޭ ފަރާތުގައި އެދިފައިވާނެ ކަމަށާއި، އެ މަގުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން މާލޭގެ ޓްރެފިކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ޝަރީފް ދެއްވި އެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ކަރަންޓު ބިލުގެ ގޮތުގައި ސްޓެލްކޯއަށް 21.6 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށާއި އެ އަދަދު ދައްކަން އަންގައި ސްޓެލްކޯއިން ފޮނުވާފައިވާ އެއްވެސް ސިޓީއަކަށް ކައުންސިލުން ޖަވާބުދާރީވެފައި ނުވާ ކަންވެސް ޝަރީފް ފާހަގަކުރެއްވި އެވެ.

މިގޮތުން ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިހުރި ކަރަންޓު ބިލުތަކުގެ ފައިސާ ވެސް ސިޓީ ކައުންސިލުން ދައްކާފައި ނުވާ ކަމުގައި ޝަރީފް ވިދާޅުވި އެވެ. އަދި ސިޓީ ކައުންސިލުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މީޓަރުތަކުން ހަމައެކަނި އެ ކުންފުންޏަށް ބިލު ދައްކަނީ އާންމުން ކުއްޔަށް ނަގައިގެން އުޅޭ ބިންތަކުން ކަމުގައިވެސް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އެ ކުންފުނީގެ ހިދުމަތުގެ ބޭނުންކޮށް ސިޓީ ކައުންސިލުން ފައިސާ ނުދެއްކުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށާއި އެއީ ސިޔާސީ ހިޔާލު ތަފާތުވުމުގެ ސަބަބުން ކައުންސިލުން އަމަލުކުރާ ގޮތް ކަމަށެވެ.

"ސިޓީ ކައުންސިލުން ޕްރެސްތަކަށް އަރާ ފާޑު ފާޑުގެ ވާހަކަ ނުދައްކަވާ ކަރަންޓު ބިލް ދައްކަވާ،" ޝަރީފް ގޮވާލެއްވި އެވެ.

ސިޓީ ކައުންސިލުގެ އިތުރުން ޕީއެސްއެމްއާއި އެފްއޭއެމް ފަދަ ބައެއް މުއައްސަސާތަކުންވެސް ކަރަންޓު ބިލް ނުދައްކާ ކަމުގައި ޝަރީފް ވިދާޅުވި އެވެ.