ސްޓެލްކޯ

ސިޓީ ކައުންސިލްގެ އުސޫލުތައް ބާތިލުކުރަން ސްޓެލްކޯއިން ހައި ކޯޓަށް

މާލޭ ސިޓީ ކައުންސިލްގެ ދެ އުސޫލެއް ބާތިލުކުރަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

ސްޓެލްކޯ އިން ހުށަހެޅީ މާލެ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލު ބާތިލުކުރުމަށެވެ.

މަގު ކޮނުމާއި މަގުމަތީގައި ކުރާ މަސައްކަތްތަކަށް އަގު ނެގުމުގެ އުސޫލަށް މާލެ ސިޓީ ކައުންސިލުން ބަދަލު ގެނެސް އެ އަގުތައް ބޮޑު ކުރުމާ ގުޅިގެން އެ އުސޫލު ބާތިލް ކުރުމަށް ކޯޓަށް ދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިމަހުގެ އެއް ވަނަ ދުވަހު ޝަރީފު ވިދާޅުވީ ސިޓީ ކައުންސިލުން އެ އުސޫލުތައް ކަނޑައެޅުމުގެ ކުރިން މަޝްވަރާކުރަންޖެހޭ އެއްވެސް ފަރާތަކާއި މަޝްވަރާކޮށްފައި ނުވާ ކަމަށާއި ބައެއް އަގުތައް 154 އިންސައްތަ މަތި ކޮށްފައިވާ ކަމަށެވެ.

"ކުރިން 30،000 ރުފިޔާ ދައްކަން ޖެހޭ ހިދުމަތްތަކަށް، އާ އުސޫލުގެ ސަބަބުން 80،000 އަށް ވުރެ ގިނައިން މިހާރު ދައްކަން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން އަގުތަކަށް ގެނައި ބަދަލު

  • މަގުމަތީ ބޯޑު ބަހެއްޓުން: ކުރިން ނެގީ 60ރ.، މިހާރު 200ރ.
  • ޕޭވްމެންޓް ކޮންނުން: ކުރިން އަގެއް ނުނަގާ، މިހާރު 25ރ.
  • ޖަންގްޝަން ނެގުން: ކުރިން އަގެއް ނުނަގާ، މިހާރު 300ރ.
  • ރޯޑް ބްލޮކް ނެގުން: ކުރިން އަގެއް ނުނަގާ، މިހާރު 100ރ.
  • މަގު ބަންދުކުރާ ބޯޑު ބަހެއްޓުން: ކުރިން ނެގީ 150ރ.، މިހާރު 300ރ.

އޭނާ ވިދާޅުވީ އެފަދަ ބޮޑު ބަދަލެއް އުސޫލުތަކަށް ގެނައުމުގެ ކުރިން ލޯކަލް ގަވާންމެންޓް އޮތޯރިޓީއަށް ވެސް ސިޓީ ކައުންސިލުން އަންގައި މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި އާންމުކޮށް ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގައި މަގުތައް ކޮނެ ހަދާ ކުންފުނިތަކާއި ވެސް ކައުންސިލުން އެއްވެސް މަޝްވަރާއެއް ނުކުރާކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ސްޓެލްކޯއިން ކަރަންޓުގެ އަގު ކުޑަކުރުމުގެ ގޮތުން، ކެޕޭސިޓީ އިތުރުކޮށް ޓްރާންސްފޯމަރުތައް ބޮޑުކުރުމަށް ހުއްދައަށް އެދުމުން ވެސް ސިޓީ ކައުންސިލުން އެކަމަށް އެއްބާރުލުން ދީފައިނުވާކަމަށެވެ.