ސްޓެލްކޯ

މަގު ކޮނުމަށް އަގު ނަގާ އާ އުސޫލު ބާތިލްކުރަން ކޯޓަށް ދާނަން: ޝަރީފް

މަގު ކޮނުމާއި މަގުމަތީގައި ކުރާ މަސައްކަތްތަކަށް އަގު ނެގުމުގެ އުސޫލަށް މާލެ ސިޓީ ކައުންސިލުން ބަދަލު ގެނެސް، އެ އަގުތައް ބޮޑު ކުރުމާ ގުޅިގެން އެ އުސޫލު ބާތިލް ކުރުމަށްޓަކައި ކޯޓަށް ދާން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނިންމައިފި އެވެ.

ސްޓެލްކޯގެ މައި އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މި މަހުގެ ދެވަނަ ދުވަހު ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އުސޫލުތަކާ ގުޅޭ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ، ސިޓީ ކައުންސިލުން އެ އޫސުލުތައް ކަނޑައެޅުމުގެ ކުރިން މަޝްވަރާކުރަންޖެހޭ އެއްވެސް ފަރާތަކާއި މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި ބައެއް އަގުތައް 154 އިންސައްތަ މަތި ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ކުރިން 30،000 ރުފިޔާ ދައްކަން ޖެހޭ ހިދުމަތްތަކަށް، އާ އުސޫލުގެ ސަބަބުން 80،000 އަށް ވުރެ ގިނައިން މިހާރު ދައްކަން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ބޮޑު ބަދަލެއް އުސޫލުތަކަށް ގެނައުމުގެ ކުރިން ލޯކަލް ގަވާންމެންޓް އޮތޯރިޓީއަށް ވެސް ސިޓީ ކައުންސިލުން އަންގައި މަޝްވަރާކޮށްފައި ނުވާކަމަށެވެ. އަދި އާންމުކޮށް ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގައި މަގުތައް ކޮނެ ހަދާ ކުންފުނިތަކާއި ވެސް ކަންސިލުން އެއްވެސް މަޝްވަރާއެއް ނުކުރާކަމަށެވެ.

މިގޮތުން މި އުސޫލުތަކުގެ ސަބަބުން ރައްޔިތުންނަށް އިތުރު މާލީ ބުރަކަމަކާއި ކުރިމަތިލާންޖެހޭކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ސްޓެލްކޯއިން ސިޓީ ކައުންސިލުގެ މި އުސޫލުތައް ގަބޫލުނުކުރާކަމަށާއި، އުސޫލުތައް ބާތިލްކުރުމަށްޓަކައި ކޯޓަށް ދާނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"މިއީ ބާތިލް އުސޫލުތަކެއް. ސިޓީ ކައުންސިލަށް މިފަދަ ގާނޫނުތަކާ އުސޫލުތައް ހެދޭނީ ލޯކަލް ގަވަމެންޓް އޮތޯރިޓީއާ މަޝްވަރާކޮށްފަ. އަޅުގަނޑުމެން ގަބޫލުކުރަނީ މިއީ ބާތިލް އުސޫލުތަކެއް ކަމަށް. އަދި މި އުސޫލުތައް ބާތިލް ކުރަން ކޯޓަށްދާން ސްޓެލްކޯގެ މެނޭޖްމެންޓްއިން ވަނީ ނިންމާފަ،" ޝަރީފް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން އަގުތަކަށް ގެނައި ބަދަލު

  • މަގުމަތީ ބޯޑު ބަހެއްޓުން: ކުރިން ނެގީ 60ރ.، މިހާރު 200ރ.
  • ޕޭވްމެންޓް ކޮންނުން: ކުރިން އަގެއް ނުނަގާ، މިހާރު 25ރ.
  • ޖަންގްޝަން ނެގުން: ކުރިން އަގެއް ނުނަގާ، މިހާރު 300ރ.
  • ރޯޑް ބްލޮކް ނެގުން: ކުރިން އަގެއް ނުނަގާ، މިހާރު 100ރ.
  • މަގު ބަންދުކުރާ ބޯޑު ބަހެއްޓުން: ކުރިން ނެގީ 150ރ.، މިހާރު 300ރ.

ޝަރީފް އިތުރަށް ވިދާޅުވީ ސްޓެލްކޯއިން ކަރަންޓުގެ އަގު ކުޑަކުރުމުގެ ގޮތުން، ކެޕޭސިޓީ އިތުރުކޮށް ޓްރާންސްފޯމަރުތައް ބޮޑުކުރުމަށް ހުއްދައަށް އެދުމުން ވެސް ސިޓީ ކައުންސިލުން އެކަމަށް އެއްބާރުލުން ދީފައިނުވާކަމަށެވެ. މިގޮތުން މާލޭ ގާކޮށި ސަރަހައްދުގައި ހުންނަ ސްޓޭޝަނާއި، މަޖީދިއްޔާ ސުކޫލު ކައިރީގައި ހުންނަ ސްޓޭޝަނުގެ އިތުރުން ބުރުޒު މަގުގައި ހުންނަ ޓްރާންސްފޯމަރު ބޮޑުކުރުމުގެ ގޮތުން ވެސް ސްޓެލްކޯއިން އެދިފައިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކެޕޭސިޓީ އިތުރުކުރީމަ ވަރަށް ބޮޑަށް ޓްރާންސްފޯމަރުތަކަށް ލުއިވެގެން ދާނެ. އެކަމަށްޓަކާ ބިން އިތުރުކޮށްދިނުމަށް ސިޓީ ކައުންސިލުގެ ފަރާތުން ސްޓެލްކޯއިން ވާނީ އެދިފަ. އެކަމަށް ވެސް އެބޭފުޅުން އެއްބާރުލުމެއް ނުދޭ،" ޝަރީފް ވިދާޅުވިއެވެ.

އަދި ގާކޮށި ސަރަހައްދުގައި ހުރި އިންޖީނު ނަގައި ހުޅުމާލެއަށް ބަދަލުކުރެވިފައިވާކަމަށާއި، އަޑު ގަދަވުމުވާއި ދުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރު އުނދަގޫ ނުވާނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ގާނޫނާއި ކަންކަން ކުރަންޖެހޭ ރަނގަޅު "ޕްރެކްޓިސް"ގެ މަތިން އަމަލުކުރުމަށް މާލެ ސިޓީ ކައުންސިލަށާއި، މޭޔަރު ޑރ. މުއިއްޒުއަށް ގޮވާލާފައެވެ. އަދި ސިޓީ ކައުންސިލުން މިފަދަ އުސޫލުތައް ބޭނުންކޮށްގެން އަގުތައް މަތިކުރުމުގެ މަގުސަދަކީ "ސިޔާސީ ހަތިޔާރެއް"ގެ ގޮތުގައި ބޭނުންކޮށް ސަރުކާރާއި ރައްޔިތުންނާއި ޖެއްސުމުގެ ގޮތުގައި ކަމަށާއި، މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.