ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ސިޓީއެއް ރައީސާއި ވަޒީރުންނަށް

May 20, 2021
6

މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ޕްލޭންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބައްދަލު ކޮށްލެއްވުމަށް އެދިވަޑައިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރުންނަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ލާބައާ މަންފާއަށް ސިޓީ ކައުންސިލުން ރާވާފައިވާ ކަންކަމާއި އަދި ގުޅިގެން މަސައްކަތް ކުރުމަަށް ބޭނުންވާތީ އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހުރިހާ މިނިސްޓަރުންނަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަަށެވެ.

މީގެ އިތުރުން ރައްޔިތުންނަށް ހިދުމަތް ދެމުން ގެންދާ ކުންފުނިތަކުގެ އިސްވެެރިންނާއި ބައްދަލު ކުރެއްވުމަށް އެދިވަޑައިގެން ވެސް ސިޓީ ފޮނުއްވާފައި ވާނެ ކަމަށެވެ. އޭގެތެރޭގައި ރޯޑް ކޯޕަރޭޝަނާއި ވެމްކޯ އާއި އެމްޑަބްލިއުއެެސްސީ އަަދި ސްޓެލްކޯ ފަދަ ކުންފުނިތައް ހިމެނެ އެވެ.

މުއިއްޒު އިއްޔެ ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ.

ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމާއި ގުޅޭގޮތުން މޭޔަރު މުއިއްޒު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ރައްޔިތުންނަށް ދޭ ހިދުމަތްތައް އަވަސް ކުރުމަށާއި ގަރާޖު ހުއްދަ ދިނުން ފަދަ ކަންކަން ރައްޔިތުންނަށް ފަސޭހަކޮށް ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

"ވަރަށް ގިނަ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު. ބައެއް ހިދުމަތްތައް ހޯދަން ރައްޔިތުން މި ޖެހެނީ އެކި އިދާރާތަކުގައި ގަނަތެޅެން. އެހެންވީމަ ހިދުމަތްތައް ހޯދުމުގައި ފަސޭހަ ގޮތްތަކެއް ހޯދުން މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ،"

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅުގައި ގާއިމު ކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕޯޓް މަޝްރޫއު ހުއްޓާލަން ރައީސަށް ހުށައެޅުމަށް ތިން ޕާޓީއެއްގެ ކައުންސިލަރުން ހިމެނޭ މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

މުއިއްޒު ވިދާޅުވީ މާލޭ ސިޓީގެ ރައްޔިތުން އެދޭ ގޮތަށް ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން ރައީސަށް ހުށަހަޅުއްވަން ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށާއި ރައީސްގެ އެޕޮއިންޓްމެންޓެއް ލިބުނުހާ އަވަހަކަށް އެ ނިންމުން ހުށައަޅުއް ވާނެ ކަމަށެވެ.

މުއިއްޒު ވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ތައްޔާރު ކުރައްވާ ކައުންސިލަރުންނާ ހިއްސާ ކުރައްވާފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ރަސްމީ ފުރަތަމަ އާންމު ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން މުއިއްޒުގެ އެކްޝަން ޕްލޭން ވަނީ ފާސް ކޮށްފަ އެވެ.