ވެމްކޯ

ވެމްކޯއިން ބުނަނީ ކުނި ނަގާ ގަޑި ބަދަލުނުކުރާ ކަމަށް

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަަޅެއްގެ ގޮތުން ގޭގެއިން ބޭރަށް ކުނި ނެރެން އެންގި އެންގުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެފަދަ ނިންމުމެއް އަދި ނެތް ކަަމަށް ވެމްކޯއިން ބުނެފި އެވެ.

ތާޖުއްދީން ސްކޫލުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީންވެސް އަމަލު ކުރަމުން އައި އުސޫލުން ގޭގެއަށް ވަދެ ކުނި ނަގަން ފަށަން ޖެހޭ ކަމަަށެވެ. އަދި އެކަމާއި ގުޅޭގޮތުން ވެމްކޯއާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ގޮތަށް އަމަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ވެމްކޯއިން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅެއްގެ ގޮތުން އޭޕްރީލް 16، 2020 އިން ފެށިގެން މާލެ ސަރަހައްދުގައި ކުނި ނަގާ އުސޫލު ބަދަލުކޮށްފައިވާއިރު މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުނި ނަގާ އުސޫލަށް ބަދަލު ގެންނާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ.

"މާލެ ސަރަހައްދުގެ އާންމު ހާލަތު ރަނގަޅުވަމުން ދިއުމާއި ގުޅިގެން މިކަމަށް ރިއާޔަތްކޮށް މި ކޯޕަރޭޝަނުން ގޭބީސީތަކަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ބަދަލު ގެނައުމަށް އެޗްޕީއޭ އާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި މަޝްވަރާކޮށް މި ކޯޕަރޭޝަނުން ގޮތެއް ނިންމުމަށް ފަހު އެކަން އިއުލާނު ކުރެވޭނެ ވާހަކަ ދަންނަވަމެވެ،" މުއިއްޒުގެ ވާހަކަތަކަށް އިޝާރާތްކޮށް ވެމްކޯއިން ނެރުނު ބަޔާނުގައިވެއެވެ.

ގޭގެއިން ބޭރަށް ކުނި ނެރެން އެންގީ ކޮވިޑްއިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ނަމަވެސް އެކަމުގެ ސަބަބުން ބައެއް މައްސަލަތައްވެސް ދިމާވިއެވެ. ކުނި ނުނެގި ގިނަ ވަގުތުތަކަކު މަގުމަތީ ހުންނާތީ އެތައް ބަޔަކަށް އެކަމުން އުނދަގޫވެއެވެ. އަދި މަގުތައްވެސް ހަޑިވާތީ ޝަކުވާ އޮވެއެވެ.