ޑރ. މުހައްމަދު މުއިއްޒު

ސްޓެލްކޯ އަށް ބިން ދޫކުރިން: މުއިއްޒު

Feb 3, 2023

މާލޭގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ސްޓެލްކޯ އިން އެދިގެން ބިން ހަމަޖައްސައިދީފައިވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން މިހެން ބުނެފައި މިވަނީ މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން އެދިގެންވެސް އެކަން ކޮށްދީފައި ނުވާ ކަމަށް ސްޓެލްކޯ އިން މިއަދު ބުނުމާ ގުޅިގެންނެވެ.

އެ ތިން ސަބްސްޓޭޝަނަކީ -- ގާކޮށި ސިނަމާލެ ދޭއް ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާ ގޮތަށް އޮންނަ ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަންގެ އިތުރުން ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަނެވެ.

ސްޓެލްކޯގެ ވާހަކަތަކަށް ރައްދު ދެމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ ސްޓެލްކޯ އިން ދައްކަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި ސްޓެލްކޯ އިން އެދުނު ހުރިހާ ހުއްދައެއް ދީފައިވާނެ ކަމަށެވެ

މޭޔަރު ވިދާޅުވީ ސްޓެލްކޯ އިން އެދުނު ތިން ސަރަހައްދުން ވެސް ބިން ދޫކޮށް ސްޓެލްކޯ އެންގި ނަމަވެސް ސްޓެލްކޯ އިން ބޭނުންވެގެން އުޅެނީ އެ ބިންތައް އެ ކުންފުންޏަށް ރަޖިސްޓްރީކުރަން ކަމަށެވެ.

މޭޔަރު މުއިއްޒު އިތުރަށް މިހާރުވެސް މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ސްޓެލްކޯގެ ސަބް ސްޓޭޝަންތައް މިހާރުވެސް ހުންނާނެ ކަމަށެވެ.

"[ސްޓެލްކޯ އަށް ދޫކުރި] ބައެއް ތަންތަން ދެބުރިއަށް ވެސް ހަދައިފައި ހުރީ. އެއިން އެއްވެސް ބިމަކީ ސްޓެލްކޯއަށް ރަޖިސްޓަރީކޮށްދީފައި ހުރި ތަންތަނެއް ނޫން. ބިންތައް ރަޖިސްޓްރީކުރެވޭނީ އެކަމާ ބެހޭ އިޖުރާއަތުތައް ފުރިހަމަކޮށްގެން،" މުއިއްޒު ވިދާޅުވި އެވެ.