ސްޓެލްކޯ އިން ގާއިމުކުރުމަށް ނިންމާފައިވާ އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި ސްޓޭޝަން ގާއިމުކުރަނީ ސްޓެލްކޯގެ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ ހިނގުމުގަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ އެ ސްޓޭޝަންގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުގެ ތެރެއިން ކާބަން ފުޓް ޕްރިންޓް ކުޑަކުރުމަށާއި އިލެކްޓްރިކް އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން ގާއިމުކުރާ ސްޓޭޝަނެއް ކަމަށްވެސް ހުސައިން ފަހުމީ ވިދާޅުވި އެވެ.
މި ސްޓޭޝަންގެ މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.
އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭ ސްޓޭޝަންތަކެއް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގެ މަގާމުގައި ހުންނެވި އިރުވެސް ވަނީ ނިންމަވާފަ އެވެ. އެގޮތުން ކައުންސިލުން ޓްރާންސްޕޯޓް ކޮމިޓީން އެކަމާ ގުޅޭ ދިރާސާތަކާއި ޕްލޭންތަކެއްވެސް ހެދި އެވެ.