ރައްޔިތުންގެ މަޖިލިސް

ވަޒީރުންނަށް ރުހުން ދިނުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން މަސައްކަތް ފަށައިފި

ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް އިދިކޮޅު އެމްޑީޕީން ފަށައިފި އެވެ.

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މެންބަރުން ސޮއިކޮށް ޖަލްސާއެއް ބާއްވާ ދިނުމަށް ހުށަހެޅުމުންނެވެ. މިފަދަ ޖަލްސާއަކަށް މެންބަރުން ހުށަހަޅާތާ ގިނަވެގެން 14 ދުވަސް ތެރޭގައި މިޖަލްސާ ބާއްވަންޖެހޭނެ ކަމަށް މަޖިލީހުގައި ގަވައިދުގައިވެ އެވެ.

ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށްޓަކައި އެމްޑީޕީން މިއަދު ވަނީ މެންބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެމްޑީޕީގެ މެންބަރުންގެ އެކަނި ސޮއި ހަމަކޮށްގެންވެސް ޖަލްސާ ބޭއްވޭނެ އެވެ.

މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން މަސައްކަތް ފަށާފައި މިވަނީ ވަޒީރުންނަށް ރުހުން ދިނުމަށް އެ މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފައި ވަނިކޮށެވެ.

ކޮމިޓީގައި ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ފާސްކުރީ ހުރިހާ ވަޒީރުންނަށް އެއްފަހަރާ ރުހުން ދިނުމަށް ވޯޓަށް އަހައިގެންނެވެ. މިވޯޓުގައި އެމްޑީޕީގެ މެންބަރުން ބައިވެރިއެއް ނުވެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި މިމަހުގެ 18 ވަނަ ދުވަހަށް އެޖެންޑާކުރި ނަމަވެސް ރުހުން ދިނުމުގެ މައްސަލަ ފަސްކުރީ ރައީސް މުއިއްޒުގެ ސަރުކާރުގައި އަލަށް އުފެއްދެވި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ފާސްކުރަން މަޖިލީހަށް ފޮނުވާފައި ނުވާ ކަމަށް ބުނެ އެވެ.