ކެބިނެޓް

ކޮންމެ ވަޒީރަކަށް ވަކި ވިޕްލައިނެއް، ވޯޓަށްވެސް އަހަނީ ވަކިން

ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ކޮންމެ ވަޒީރަކަށް ވަކިން ރުހުން ދިނުމަށް ހުށަހެޅުމަށާއި ކޮންމެ ވަޒީރަކަށް ތްރީލައިން ވިޕެއް ނެރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކޮންމެ ވަޒީރަކަށް ވަކިން ވޯޓަށް އެހުމަށް ބޭނުންވަނީ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ބައެއް ވަޒީރުންނަށް ރުހުން ދޭން ބޭނުން ނުވާތީ ކަމަށް ބައެއް މެންބަރުންގެ ފަރާތުން އެނގިފައިވެ އެވެ.

އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ވިދާޅުވީ ކޮންމެ ވަޒީރަކަށް ވަކިން ރުހުން ދިނުމަށް ހުށަހެޅުމަށާއި ކޮންމެ ވަޒީރަކަށް ތްރީލައިން ވިޕެއް ނެރުމަށް މަޝްވަރާތައް ފެށިފައިވީ ނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

އަންނަ ހޯމަ ދުވަހަކީ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާ އޮންނަ ދުވަސް ކަމަށްވާތީ އެ ދުވަހު ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި 22 ވަޒީރުން ހިމެނެ އެވެ. މީގެ ތެރޭގައި ތިން އަންހެން ބޭފުޅުންވެސް ހިމެނެ އެވެ.

އެމްޑީޕީން ރުހުން ނުދޭނެ ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވިދާޅުވާ ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ މިނިސްޓަރު އާދަމް ޝަރީފް ހިމެނެ އެވެ.