މިނިސްޓަ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭންޖެހޭ ސަބަބެއް ނެތް ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ -- އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފަށް ރުހުން ދޭން ނުޖެހޭ ތިން ސަބަބެއް ވެސް ފައްޔާޒު ވިދާޅުވެ ދެއްވި އެވެ.
އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އާދަމް ޝަރީފް ޑިފެންސް މިނިސްޓަރަކަށް ހުންނަވައި މަޖިލީހަށް ސިފައިން ވައްދައިގެން މެންބަރުން މަޖިލީހުން ނެރުނު މައްސަލަ އެވެ. އޭރު ފައްޔާޒު އަކީ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރެވެ.
"ޑިފެންސްގައި ހުއްނެވިއިރު މަޖިލީހުގެ ތާރީހުގައި އަލަށް ސިފައިން ވައްދާ މެމްބަރުންނަށް އަނިޔާކުރެއްވި،" ފައްޔާޒު ވިދާޅުވި އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ފައްޔާޒު ފާހަގަކުރެއްވީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ތިން ވެބްސައިޓެއް ރޭ ބްލޮކް ކުރި މައްސަލަ އެވެ. ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ތިން ކުންފުނިން އެއްވެސް ވެބްސައިޓެއް ބްލޮކް ކުރާނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އެންގުމުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި ކޭމް ހިންގަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސްގެ ދަށުންނެވެ. އެ ތަނުގެ ވަޒީރަކީ އާދަމް ޝަރީފް އުމަރު އެވެ.
"މިހާރު ކޭމް މެދުވެރިކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފެއްޓެވީ،" ފައްޔާޒު ވިދާޅުވި އެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ފައްޔާޒު ފާހަގަކުރެއްވީ މާލެ އަތޮޅު ގުޅިއާއި ޖެހިގެން އޮތް ފުށިދިއްގަރު ފަޅު ހިއްކާ މައްސަލަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެންމެ ބޮޑު އެއް މަޝްރޫއުގެ ތެރޭގައި ހިމެނޭ ފުށިދިއްގަރު ފަޅު ހިއްކާ އެތަން ތަރައްގީކުރަނީ "ރަސްމާލެ"ގެ ނަމުގަ އެވެ.
ފައްޔާޒު ގަބޫލުކުރައްވާ ގޮތުގައި ފުށިދިއްގަރު ފަޅާ އެކު މާލެ ސަރަހައްދުގެ ތޮއްޖެހުން އިތުރަށް ބޮޑުވެ ލާމަރުކަޒީ އުސޫލުން ގައުމުގެ ހިންގުމުގެ ބަދަލުގައި މަރުކަޒު ކުރުމުގެ ފުރުސަތު އެބައޮތެވެ.
"ލާމަރުކަޒީ ނިޒާމުވެސް ފުށިދިއްގަރަށް. ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ،" ފައްޔާޒު ވިދާޅުވި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި 22 ވަޒީރުން ހިމެނޭއިރު މީގެތެރޭގައި ތިން އަންހެން ބޭފުޅުންވެސް ހިމެނެ އެވެ. ވަޒީރުންނަށް ރުހުން ދިނުމަށް މިދިޔަ ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައިވެސް މަސައްކަތް ކުރި އެވެ. ނަމަވެސް މަޖިލީހުގެ އެ ދުވަހުގެ ޖަލްސާ ފެށުމާ އެކު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ މައްސަލަ ނަންގަވާ މަޖިލީހުގެ އެ ދުވަހުގެ އެޖެންޑާގައިވާ މައްސަލައެއް ފެންމަތި ކުރައްވާފަ އެވެ. އެގޮތުން ހިސާން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމަށް އެ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރިއިރު ރައީސް މުއިއްޒުގެ ސަރުކާރުގައި އަލަށް އުފެއްދެވި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން މަޖިލީހަށް ފޮނުވާފައި ނުވާ ކަމަށެވެ.
ހިސާން މިމައްސަލަ ނެންގެވުމާ އެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެއީ ނިޒާމީ މައްސަލައެއް ކަމަށް ބަލައިގަނެ އެކަމުގައި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއިއި މައިނޯރިޓީ ލީޑަރު އަލީ އާޒިމުއާ މަޝްވަރާ ކުރެއްވުމަށް ކުޑަވަގުތު ކޮޅަކަށް މަޖިލީހުގެ އެ ދުވަހުގެ ޖަލްސާ މެދުކަނޑާލާފަ އެވެ. އޭގެފަހުން މަޖިލިސް ފެށުމަށްފަހު އަސްލަމް ވިދާޅުވީ ހިސާން ނެންގެވި ނިޒާމީ މައްސަލައިގައިވާ ގޮތަށް ކޮމިޓީ ރިޕޯޓް އެކުލަވާލާފައިވަނީ އެކަން ކުރަންޖެހޭ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކޮށް، އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންނެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ކޮމިޓީން ދެވަނަ ފަހަރަށް ގޮތެއް ނިންމުމަށް މާދަމާ ހެނދުނު 9:00 ހާއިރު ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ވަޒީރުންނަށް ރުހުން ދިނުން ލަސްވެފައިވާތީ މަޖިލީހުގެ މިދައުރުގެ މުއްދަތު މިހާރު ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.