މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެންބިއުލާންސްގެ ހިދުމަތް ފަށައިފި އެވެ.
ސީ އެންބިއުލާންސް ހަވާލުކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ.
މިރަސްމިއްޔާތުގެ ލޯންޗުގެ ރަމްޒީ ތަޅުދަނޑި ރައްޒާގުއާ ހަވާލުކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.
ހަލީމް ވިދާޅުވީ ސީއެންބިއުލާންސް ބާއްވާނީ ވިލިމާލެ ބަނދަރުގައި ކަމަށެވެ. ލޯންޗް ބަލަހައްޓާނީ ވިލިމާލެ ހޮސްޕިޓަލް އާއި އައިޖީއެމްއެޗް ގުޅިގެން ކަމަށެވެ.
މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ޑރ. ހަލީލް ވިދާޅުވީ ވިލިނގިލިން މާލެއަށް ބަލި މީހުން އެމެޖެންސީކޮށް އުފުލުމުގައި ވަރަށް ބޮޑެތި ދަތިތައް ހުރި ކަމަށް އެ އަވަށުގައި ދިރިއުޅޭ މީހުން ބުނާ ކަމަށެވެ. އެހެންވެ އެ މައްސަލަ ހައްލުވުމަކީ އެމީހުން އަބަދު އެދެމުން ދިޔަ ކަމެއް ކަމަށެވެ.
ހަލީލް ވިދާޅުވީ ވިލިމާލެ ރައްޔިތުންގެ ޝަކުވާ އަށް ނިމުމެއް ގެނައުމަށް ކުރި މަސައްކަތުން ނަސީބު ރަނގަޅުކަމުން \ރައްޔިތުންނަށް ލިބުނީ މިހާރު ސީއެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ލޯންޗުތަކަށް ވުރެ ވެސް ރަނގަޅު، ބޮޑު، ހިދުމަތްތައް ވެސް ފުޅާ ލޯންޗެއް ކަމަށެވެ.
"މި މަސައްކަތް މި ހިސާބުން ނިމުނީ ނޫންކަމާއި ހިދުމަތްވެސް އިތުރަށް ފުޅާކުރުމަށްޓަކައި މީގައި އިތުރު އާލާތްތަކެއް މެޑިކަލްތައް ހަރުކުރަންޖެހޭ ހާލަތުގައި އެކަންވެސް އަޅުގަނޑުމެން ދެނެގަތުމަށްފަހުގައި، ފުރިހަމަކުރާނަން. އަޅުގަނޑުގެ އަމާޒަކީ ވިލިމާލެ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ރަނގަޅުކުރުން،" ހަލީލް ވިދާޅުވި އެވެ.
ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ވިލިމާލެގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.