ފޮރިން މިނިސްޓްރީ

މުއިއްޒުގެ ޗައިނާ ދަތުރުފުޅާ ދިމާކޮށް ބްލިންކެންގެ ފޯން ކޯލެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި ވަނިކޮށް އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރަށް ފޯން ކުރައްވައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އިއްޔެގެ ފޯން ކޯލްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން މިހާރަށް ވުރެ ހަރުދަނާކޮށް މި ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ކަމަށެވެ.

އެގޮތުން ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ދިފާއީ ގުޅުންތަކާއި، އިގްތިސާދާއި ތަރައްގީގެ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދިމިގުރާތީ ވެރިކަން ހަރުދަނާ ކުރުމާ އަދި ގާނޫނީ ވެރިކަން ނެގެހެއްޓުމާ ގުޅޭ މަޝްވަރާކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ އެމެރިކާ އިން ރާއްޖެއާ އެކު ހިއްސާވާ އަދި އިސްކަންދޭ ކަންކަމުގައި ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަންވެސް ބްލިންކެއް ދެއްވި ކަމަށެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެމެރިކާ އާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން މިނިސްޓަރު ޒަމީރުވެސް ދެއްވެވި ކަމަށެވެ. އަދި ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުންތައް ވަރުގަދަކުރުމަށް އެމެރިކާ އިން ދޭ އަހަންމިއްޔަތަށް މިނިސްޓަރު ޒަމީރު ޝުކުރު އަދާކުރެއްވި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އެމެރިކާއާއި ޗައިނާއަކީ މިހާރު އެންމެ ބޮޑު ވާދަވެރިކަމެއް އޮތް ދެ ގައުމު ކަމަށްވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅު ކުރިއަށް ގެންދަވާނީ މިމަހުގެ 7 އިން 12 އަށެވެ.