ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ރައީސް މުއިއްޒު ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ފޮރިން މިނިސްޓަރު ވަންގ ޔީއާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން ކުރިއަށް ދިޔައީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާ ގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ޗައިނާއާ އެކު އޮންނަ ގުޅުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ފާހަގަކުރައްވާފަ އެވެ. އަދި ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާއި، ދެ ގައުމުން ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ޗައިނާއިން ދެމުންދާ އެއްބާރުލުމަށްވެސް މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ވަންގ ޔީ ވަނީ ދެ ގައުމުގެ ޝާމިލުވުން އޮންނަ ހުރިހާ ދާއިރާއެއްގައިވެސް ރާއްޖެއަށް ޗައިނާގެ ތާއީދު ލިބެމުންދާނޭ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ވަކިން ހާއްސަކޮށް މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގައި ދެމިތިއްބަވާނެ ކަމުގައި ވިދާޅުވި އެވެ.