ޑރ. މުހައްމަދު މުއިއްޒު

"މިއަދަކީ އެންމެ ބިޔަ ގައުމުތަކާ އެއް ހަމައަކަށް ރާއްޖެ އައި ދުވަސް"

މިއަދަކީ ދިވެހިރާއްޖެ ދުނިޔޭގެ އެންމެ ބިޔަ އެންމެ ވަރުގަދަ ގައުމުތަކާ އެއް ސަފެއްގައި އެއް ހަމައެއްގައި ކުރިއަށް ދިއުމަށް މަގުފަހިވި ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެ އދގެ މެންބަރަކަށްވީތާ މިއަދަށް 59 އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ އަށް ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގައެވެ.

އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އދގެ މައި މަރުކަޒުގެ ކުރިމަތީ ހުންނަވައިގެން ދެއްވި މެސެޖުގައި ރައީސް ވިދާޅުވީ ފައިތުވެދިޔަ 59 އަހަރު ދިވެހި ދައުލަތުގެ މަންދޫބުން، ރާއްޖޭގެ ޑިޕްލޮމެޓުން އދގައި ދިވެހިރާއްޖޭގެ މަސްލަހަތު ކުރިއަރުވާ ދީފައިވާ ކަމަށެވެ.

"މިއަދަކީ ފެއްސާ ރަތާ ހުދުގެ ދިވެހި ދިދަ، އާދެ އެ ދިދައަކަށްޓަކައި އެ ދިދައިން ރަމްޒުކޮށްދޭ ކަންތައްތަކަށްޓަކައި އަޅުގަނޑުމެން ނުހަނު ފަހުރުވެރިވާ ދިވެހި އެކުވެރި ދައުލަތްތަކުގެ މައި މަރުކަޒުގައި ވިހުރުމަށް ފުރުސަތު ލިބިގެން ދިޔަ ދުވަސް. މިއަދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށާއި ރާއްޖޭގެ ޑިޕްލޮމެޓުންނަށް ހެޔޮ އެދުމާ ތަހުނިޔާ އަރިސްކުރަން،" ދުވަހާ ގުޅިގެން ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް އދގެ މެންބަރުކަން ލިބުނީ ޖުލައި 26، 1965ގައި ރާއްޖެއަށް މިނިވަންކަން ލިބުނުތާ އެންމެ 57 ދުވަސް ތެރޭގައެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަށް އދގެ މެންބަރުކަން ލިބުމަކީ އެކަހެރިކޮށް އޮތް ޖަޒީރާ ގައުމެއް ދުނިޔޭގެ ސިޔާސީ ސަފުތަކާ ގުޅި އެކުވެރިކަމުގައި ދަތުރެއް ފެށުމަށް ލިބުނު ފުރުސަތެއް ކަމަށާއި އަދި އެއީ ނިކަމެތިކަމުން ފުދުންތެރިކަމަށް ބިންގާ އެޅުނު ދަތުރު ކަމަށެވެ.

އދގެ މެންބަރުކަން ރާއްޖެއަށް ލިބި ކުދި ޖަޒީރާ ގައުމުތަކުގެ ކުރިއަށް އޮތް 10 އަހަރުގެ ތަރައްގީގެ ޕްލޭން އދ އިން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދިޔައިރު އެ މަސައްކަތުގެ ރިޔާސަތު ބެލެހެއްޓި އެއް ގައުމަކީ ރާއްޖެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެހެންވެ އދގައި ދިވެހިރާއްޖެއިން މިކުރާ ދަތުރަކީ ދިވެހިން ފަހުރިވެރިވާ ފަދަ ކާމިޔާބު ދަތުރެއް ކަމުގައިވެސް ވިދާޅުވި އެވެ.

އދއާ ގުޅޭގޮތުން ރައީސް ވިދާޅުވީ އދ އަކީ ދުނިޔޭގެ މައި މަޖިލިސް ކަމަށްވާތީ ދުނިޔެއަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރާ މައިދާނަކީވެސް އެއީ ކަމަށެވެ.

"އދގައި ކުރެވޭ ބަހުސްތަކުގައި ބައިވެރިވާންޖެހޭ. ބަސް ބުނަންޖެހޭ. މިތަނުގައި ބަސް ވިކެންޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމެއްގެ މިނިވަންކަން ބައިނަލްއަގްވާމީ މަސްރަހުގައި ދިފާއުކޮށް ކުރިއެރުވޭނީ އެ މިނިވަންކަން ލިބިއްޖެކަން އެހެން ގައުމުތަކަށް އަންގައިދީގެން ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް ކުރިއެރުވުމުގެ މަތިވެރި މަސައްކަތް ކުރާ އެންމެ މުހިއްމު މައިދާނަކީ އދ ޖަމިއްޔާ، ކަމަށެވެ.

"އދގެ މެންބަރުކަން މުހިއްމު ވަނީ އެހެންވެ. އދގައި ރާއްޖެއިން ކުރަމުން މިދާ ދަތުރަކީ ދިވެހިން ފަހުރުވެރިވާ ފަދަ ކާމިޔާބު ދަތުރެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މަގުކޮށޭނީ އަޅުގަނޑުމެން ގައުމަކީ މުޅި ދުނިޔޭގައިވެސް އިހްތިރާމު ލިބިފައިވާ ގައުމަކަށް ވެގެން ކަމަށެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަދި ހިންގުމުގައިވެސް އަބަދުވެސް އެންމެ އިސްކަން ދޭނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމުގައިވެސް ވިދާޅުވި އެވެ.