ވާހަކަ

މިލްކުވާނެބާ

( 16 ސެޕްޓެމްބަރ 2024 އާ ގުޅޭ )

"ރާހިންއާ ދިމާވުން އެއީ ނަސީބުތަ؟. އިޒީކިއަލްގެ ފަރާތުން އަހަރެން ބޭނުންވީ ލޯތްބާއި އޯގާތެރިކަން އަހަރެންނަށް ލިބެން އޮތީ ރާހިންގެ ފުށުންތަ؟. ތަޤްދީރު އަހަރެމެން ބައްދަލުކުރުވީ އެހެންވެތަ؟... ރާހިން އަހަރެންނަށް ޓަކައި ވަރަށް ގިނަ ކަންކަން ކޮށްދިން. އޭނާގެ ހެޔޮކަމުގެ ބަދަލު ދޭންވީ ވަގުތުތަ މީ؟. އެކަމަކު އަހަރެންނަށް އެ ނިންމުމުން ހަމަޖެހުމެއް ނުލިބިގެން މިއުޅެނީ ކީއްވެތަ؟. ރާހިންދެކެ ލޯބި ނުވާތީތަ؟... ރާހިންގެ އެއްވެސް އުނިކަމެއް ނެތްއިރު ވެސް އެފަދަ ގޮތަކަށް އޭނާ ބަލައިގަންނަން މިހާ އުނދަގޫ މިވަނީ ކީއްވެތަ؟. މި އުނދަގޫކަމާއި ދުރުކަން ކައިވެންޏަށްފަހު ގާތްވެދާނެތަ؟..."

ސުވާލުތަކުން ފުރިފައި އޮވެ ނިދީގެ ފުންކަމުގެ ތެރެއަށް މާޔާ ގެއްލި ޚަބަރު ހުސްވީ ކޮންއިރަކު ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެ އެވެ. ނިދިފައި އޮތްއިރު ވެސް އޭނާގެ އެސްފިޔަތަކުގައި ކަރުނައިގެ ތެތްކަން ފާޅުވޭވޭ ހުއްޓެވެ.

* * * * *

ދެ އަތަށް ފުރޮޅިފުރޮޅި އިޒީކިއަލް ވަރުބަލިވެއްޖެ އެވެ. އޭނާ އެނދުން ތެދުވެ ދެ ފައި ތަޅުމަށް ތިރިކޮށްލަމުން އިށީނެވެ. ދެ ލޮލުގައި ޖަމާވެފައި ހުރި ކަރުނަތައް ނުހިފެއްޓިގެން ރޮނގެއްހެން ފައިބައިގެން އައީ އެވަގުތެވެ. އެހިނދު ނިކަން އަވަސްއަވަހަށް އިޒީކިއަލް ކަރުނައިގެ އަސަރު މޫނުން ފުހެލަމުން ނޭފަތް އެތެރެއަށް ދަމާލައިފި އެވެ. އަމިއްލަ ނަފްސަށް ވެސް އިޒީކިއަލްއަށް ޔަޤީން ނުކުރެވުނެވެ. އޭނާއަށް މިޔާދެކެ ލޯބިވެވިއްޖެކަން ހިތް ބުނަމުން ދިޔައީ ރޮމުން ގިސްލަމުންނެވެ. އޭނާ ނޫން މީހެއްގެ ހައްޤަކަށް މިޔާވާން އުޅޭކަން އެނގުމުން އެކަންވީ ކެތްކުރާން ދަތި ކަމަކަށެވެ. ދަރިއަކު ހުރުމުން އިޒީކިއަލްއަށް ހީވީ އޭނާއަށް މިޔާގެ ހިތް މިލްކު ކުރުން ފަސޭހަވާނޭ ކަމަށެވެ. ދެވަނަ ފުރުޞަތަކަށް އިޒީކިއަލް އެދުމުން މިޔާ ޤަބޫލުކުރާނޭ ކަމަށެވެ.

"މިޔާގެ ދެ ލޮލުން އޭނާ އަދިވެސް އަހަރެންދެކެ ލޯބިވާކަން ފެނޭ. ދެން ކީއްވެ؟... އަހަރެންނަށް މަޢާފު ކުރާން ބޭނުންނުވާތީތަ؟. އެކަމަކު ސޫޒަން ނެތްނަމަ އަހަރެންނަށް މިޔާއެއް ނޭނގުނީސް. އަހަރެމެން އެކަކުއަނެކަކާ ބައްދަލު ކުރުވީ މިހެން ވަކިވާންތަ؟... މިޔާދެކެ ލޯބިވާކަން އަހަރެންގެ ހިތް ބުނާތާ ދުވަސްތަކެއް ވެއްޖެ. އެ އަޑަށް އިޖާބަ ނުދިނީ އަހަރެން. މިޔާ ބުނީ މުޅިއަކުން ދޮގެއްނޫން... އަހަރެންގެ ހިތުގައި މިޔާގެ މައްޗަށް ހިނގާ އިޙްސާސްތަކާ ދުރަށް އަހަރެން ދުވީ ސޫޒަން ހުރީމަ. އޭނާގެ ހަޤީޤަތް ފާޅުވި ހިސާބުން އަހަރެންނަށް މިޔާގެ މުހިންމުކަން ވިސްނުނީ. އަހަރެން ހަމައެކަނި މިޔާއަށް ބޭނުންވަނީކީނޫންކަން... ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި މިޔާއާއެކު މުޅި އުމުރު ވޭތިކުރާން އަހަރެން ތައްޔާރުކަން އަމިއްލަ ނަފްސަށް ވިސްނުނީ ދެން... މީ ތަޤްދީރުގައި މިކަން ވާން އޮތް ގޮތްތައް. އަހަރެންނަށް އަބަދަށް ޓަކައި މިޔާ ގެއްލުނީތަ؟... އަހަރެންނަށް ކުރެވޭނެކަމެއް ހަމަ ނެތީތަ؟." ދެ އަތްތިލަ ހުޅުވާލައި އިޒީކިއަލް ދެ އަތްތިލައަށް ބަލާލީ ގޮތް ހުސްވެ ބަލިކަށިވެފައިވާ މީހަކު ފަދައިންނެވެ.

"ހައިކް ގޮވައިގެން ދާންވީތަ؟. އެކަމަކު ރާހިން... އޭނާ ވަރަށް ހުސިޔާރު. އަހަރެންނަށް ފުރުޞަތެއް ނުދޭން ކުރެވެން އޮތްކަމެއް ކުރާނެކަން ޔަޤީން. ހައިކް އަތުލަން އުޅެނީ ވެސް އޭނާގެ ރޭވުމަކުން ނޫންކަމެއް ނޭނގޭ. އަހަރެން މީ ބައްޕަ. އަހަރެން މިހުރީ މިޔާއާއެކު އުޅޭން ތައްޔާރަށް. އަހަރެމެންގެ އެ ދަރިފުޅަށް މަންމައާއި ބައްޕައެއްގެ ލޯބި ލިބެން އަހަރެން ބޭނުން. ރާހިން ގަސްދު އެކުރަނީ އަހަރެންނާއި އެ ދެމައިން ވަކިކުރާންކަން ޔަޤީން... ނޫން... ދުލެއް ނުކުރާނަން. އަހަރެންގެ ދަރިފުޅެއް ނުލިބޭނެ. އޭނާގެ ނުފޫޒު މިޔާގެ މައްޗަށް ފޯރުވިޔަސް އެ ނުފޫޒު އަހަރެންގެ ދަރިފުޅާ ހަމައަށް ފޯރުވިޔަ ނުދޭނަން." އިޒީކިއަލް ދެ ފަރާތަށް ބޯހޫރާލާފައި ދެ އަތްތިލަ ގެނެސް މޫނު ފޮރުވާލި އެވެ. ފުން ނޭވާއެއް އޭނާ ދޫކޮށްލީ ދެ އަތުގެ ތެރެއަށެވެ.

* * * * *

ބެލްކަނީގެ ވަށައިގެން ވަނީ ދެފުށް ފެންނަ ބިއްލޫރި ޖަހާފަ އެވެ. ރެއިލިންގްގެ ގޮތުގައި މަތީގައި އަޅާފައިވާ ލަކުޑި ފަތިމަތީ އަތް އަޅުވާލައިގެން ރާހިން ހުއްޓެވެ. އިރުއަރަން ވަގުތުކޮޅެއް އޮތުމުން އުދަރެސް މަތި ފެންނަނީ އަނދިރިކޮށެވެ. ދަންވަރަށް ވެހެންފެށި ވާރޭ ހުއްޓާލާފައި ވިއެއްކަމަކު ފަޒާގައި އެނބުރެމުން ދިޔަ ވައިރޯޅިތަކުން ގަނޑުފެނުގައި ހުންނަ ފަދަ ފިނިކަމެއް ވިއެވެ. ގަދަފެހި ކުލައިގެ ސްވެޓްޕޭންޓްސްގައި ރާހިން ހުރިއިރު އުނަގަނޑުން މަތިވަނީ ހާމައަށެވެ. ނަމަވެސް އޭނާއާ ހަމައަށް ފިނިފިނި ވައިރޯޅިތަކުގެ އަސަރު ނުފޯރާ ކަހަލަ އެވެ. ރާހިންގެ އިސްތަށިގަނޑު ފެންނަނީ އެއްވެސް ތަރުތީބެއް ނެތި ހޭވިފައިވާތީ އެވެ. ރޭގައި އޭނާ ނިދަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ފުން ނިންޖެއްގެ އަރާމެއް އޭނާއަށް ނުލިބުނެވެ. ހަތަރެއް ޖަހަން އުޅެނިކޮށް ހޭލެވުނު ގޮތައް އޭނާއަށް އެއްގޮތަކަށް ވެސް ނުނިދުނީ އެވެ. ބެލްކަންޏަށް ނުކުމެލީ ރާހިންގެ ސިކުނޑިއަށް ލިބެމުންދިޔަ ނުތަނަވަސްކަމަށް ލުޔެއް ލިބޭތޯ އެވެ. ހިމޭންކަމުގައި އޭނާގެ ނަޒަރު ވަނީ ވަކި އަމާޒެއް ނެތި ދުރަށް ހުއްޓާލެވިފަ އެވެ. އޭރު ސިކުނޑީގެ އިސްކުރީނުން އޭނާ ބަލަމުން ދިޔައީ ފަސް އަހަރު ކުރީގެ މަންޒަރުތަކެކެވެ. އެ މާޒީއިން އޭނާ ބަލަން ބޭނުންވީ މާޔާއާ ގުޅިފައިވީ ރަން ހަނދާންތަކެވެ.

އެއީ 5 އަހަރު ކުރި އެވެ. ބައްޕަގެ ބަދަލުގައި ރާއްޖެއަށް އޭނާ އައީ ކުންފުނީގެ މަސައްކަތްތަކާ ހަވާލުވެގެންނެވެ. ހުރިހާ ކަމެއް ނިންމާލެވުނުއިރު ތިން މަސް ފާއިތުވެއްޖެ އެވެ. އޭނާގެ މަންޒިލަކަށް ދެންވީ ރާއްޖޭގެ އަވަށްޓެރި އޮޅުދޫކަރަ އެވެ. ރާހިންގެ ކިޔެވުމުގެ ދުވަސްތައް ހޭދަވެގެން ދިޔައީ ލަންޑަންގަ އެވެ. ކިޔެވި ދުވަސްވަރުގެ އެންމެ ގާތް ރަޙުމަތްތެރިއަކީ ސިލޯނު ޒުވާނެކެވެ. ސަންޖީވްގެ ކައިވެންޏަށް ރާހިންނަށް ދަޢުވަތު ދީފައިވަނީ ވަރަށް ކުރީންނެވެ. އޭނާއަށް ސިލޯނަށް ދާންޖެހުނީ އެހެންވެ އެވެ. ރާހިންގެ ހަޔާތުން އާ ބާބެއް ފެށުނީ އެ ދަތުރުގަ އެވެ.

ސަންޖީވްގެ ކައިވެންޏަށް ދަޢުވަތުދިން މެހެމާނުންގެ ތެރެއިން ކުރީގެ ރަޙުމަތްތެރީންނާ ރާހިން ބައްދަލުވި އެވެ. ކައިވެނި ހަފްލާގެ އެކި ކަންކަން ކުރިޔަށް ދިޔައީ ދެ ހަފްތާއަށް ބަހާލައިގެންނެވެ. ކައިވެނި ކުރަން އޮތް ދުވަހާ ހަމައަށް ކޮންމެ ރެއަކުހެން ސަންޖީވްއާއެކު ކޮންމެވެސް ހޮޓެލެއްގައި ނޫނީ ކުލަބެއްގައި މަޖާނެގުން އޮތެވެ. ރާހިންނަށް އެކަންކަން ކަމުނުދިޔައެއް ކަމަކު އެކުވެރީންގެ މަޖަލަށް ހުރަހެއް ނާޅަ އެވެ.

އެއީ ވެސް އެފަދަ ރެއެކެވެ. ހޮޓެލްގެ ތެރޭގައި އަޑުގަދަ އެވެ. ކުރިމަތިން ފެންނަން އޮތީ ރޭލުދުއްވާ ދަނގަޑާއި ހޮޅިލަމުންދާ ރާޅުތައް ބިންދަމުންދިޔަ ވާޓަރެވެ. ވަށައިގެން ވަނީ ފަޅުކަމެވެ. ނަމަވެސް އެ ހަމަހިމޭންކަމުގެ ތެރެއިން ރާހިންގެ ލޮލުގައި އަޅައިގަތީ ވާޓަރުމަތީ ހުރި އަންހެންކުއްޖާ އެވެ. އޭނާއަށް ބަލާލެވުނީ އަތުގައި އޮތް ފޯނަށެވެ. މެންދަންވިއްޔެވެ. އެ ގަޑީގައި އަންހެންކުއްޖަކު އެކަނިމާއެކަނި ހުރީތީ ސުވާލު އުފެދުނީ އެވެ. ރާހިން ހިނގައިގަތުމުން އެ އަންހެންކުއްޖާ ފަސް އެނބުރި ބަލާލި އެވެ. ދެން އެ އަންހެންކުއްޖާގެ ހަރަކާތްތައް ފެނި ރާހިންއަށް ދުއްވައިގަނެވުނެވެ. އޭނާ އައިސް އެ އަންހެންކުއްޖާއަށް އަރާ ހަމަވެލަމުން އަތް އެއްލީ އެ އަންހެންކުއްޖާގެ އަތުގައި ހިފާށެވެ. ނަމަވެސް އެއްލި އަތުން ހިފުނީ އެ އަންހެންކުއްޖާގެ ހެދުމުގެ އުނަގަނޑުން ތިރިއަށް އޮތް ބައިގަ އެވެ. ވާޓަރުމަތިން އަރިއަޅާލަންވާއިރަށް އަތަށް ލެވުނުހާ ބާރެއްލާފައި އެ އަންހެންކުއްޖާގެ ހެދުމަށް ރާހިން ދަމައިގަތެވެ. އެ އަންހެންކުއްޖާއާއެކު ރާހިން ވެސް ވެއްޓުނީ އެވެ.

"ވަޓް ވާ ޔޫ ތިންކިން." ރާހިން ކޮޅަށް ތެދަމުން އަންހެންކުއްޖާ ނަގަން އަތް ދިއްކޮށްލި އެވެ. ނަމަވެސް އެ އަންހެންކުއްޖާ ރާހިންގެ އަތަކު ނުހިފި އެވެ. އޭނާ ތެދުވީ އަމިއްލައަށެވެ. އޭނާ އަނެއްކާ ވެސް އުޅުނީ ވާޓަރު މައްޗަށް އަރާށެވެ. އެހެންނަމަވެސް ރާހިން އޭނާގެ އަތުގައި ހިފި އެވެ.

"އަމިއްލަ މަރުވާންތަ ތިއުޅެނީ؟." ދުލެއްނުކުރާނަމޭ ބުނާހާ ބާރަށް އެ އަންހެންކުއްޖާގެ އަތުގައި ހިފަހައްޓައިގެން ހުރެ ރާހިން އަނެއްކާ ވެސް ސުވާލު ކުރީ އިނގިރޭސި ބަހުންނެވެ. އެ އަންހެންކުއްޖާގެ ރުއިމާއި ގިސްލުން ފާޅުވެގެން އައީ އެކުއެކީ އެވެ.

"އިނގިރޭސި އެނގޭތަ؟. ލަންކާ ކުއްޖެއްތަ؟." އިނގިރޭސި ބަހުން ރާހިން ވާހަކަދެއްކި އެވެ. ދެން ވެސް އެ އަންހެންކުއްޖާ ވާހަކައެއް ނުދެއްކި އެވެ. އޭނާ ރޮމުންދިޔަ ގޮތުން ވާހަކަދައްކަން އޭނާ އެވަނީ ނުކުޅެދެވިފައިކަން ރާހިންގެ ޟަމީރު ދެނެގަތެވެ.

"ކަމް ވިތް މީ... ކުޑަ ވަގުތުކޮޅަކަށް ވާހަކަދައްކާލަން މިކޮޅަށް އަންނަންވީނު. ވެގެން އުޅޭ ގޮތެއް އަހަރެންނަށް ކިޔާދީފާނަންތަ." އެ އަންހެންކުއްޖާއަށް އިނގިރޭސި އެނގޭކަމެއް ޔަގީންނުވެ ހުރެ ވެސް ރާހިން ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ. އެ އަންހެންކުއްޖާ ރާހިންނަށް ބަލާލި އެވެ. އޭނާ ކުއްލިއަކަށް ބިރުން އުޅޭހެން ތެޅިގަތެވެ. ރާހިންގެ އަތް ނައްޓުވާލަން މަސައްކަތް ފެށި އެވެ.

"ބިރުނުގަނޭ. އަހަރެންނަކީ ތި ހީކުރާ ކަހަލަ މީހެއްނޫން... އެއްވެސް ކަމެއްކުރާކަށް ނޫޅެން. ތަނަކަށް ގެންދާކަށް ނޫން އަންނާށޭ ބުނީ... އެނގޭތަ މިކިޔާ އެއްޗެއް. އަހަރެންނަކީ މި ރަށު މީހެއްނޫން. އެކުވެރިއެއްގެ ކައިވެންޏަށް އައިސް މިއުޅެނީ. އެހުރި ހޮޓެލްގައި އެމީހުން އެބަތިބި... އަހަރެން ނުކުތީ ފޯނެއް ކުރަން. ނުކުތް ވަގުތު ތި އަންހެންކުއްޖާ ފެނުނީ. ފުންމާލަން އުޅޭހެން ހީވާތީ މި ހިފަހައްޓަނީ... އަހަރެންނަށް ކިޔަނީ ރާހިން. ކޮންނަމެއް ކިޔަނީ؟. މިއޮއް ދަންވަރު އެކަނި މިތަނަށް އައީ ކިހިނެއް؟. އެއްވެސް މީހަކު ނެތީތަ؟. ކީޔާދީބަލަ... އަމިއްލައަށް މަރުވާން ތިއުޅެނީ ކީއްވެ؟. އެއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއްނޫން." ރާހިން ކުރިއެކޭ އެއްފަދައިން އިނގިރޭސި ބަހުން ވާހަކަ ކުރިޔަށް ގެންދިޔަ އެވެ.

"އެއްވެސް މީހެއްގެ އެހީއެއް... ހަމްދަރުދީއެއް... ބޭނުމެއްނޫން." ރޮމުން އެ އަންހެންކުއްޖާ ބުނެލީ އިނގިރޭސި ބަހުންނެވެ. އެއާއެކު ރާހިންނަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބިއްޖެ އެވެ. މިހާއިރު އޭނާ ދެއްކި ހުރިހާ ވާހަކައެއް އެ އަންހެންކުއްޖާއަށް ދޭހަވާނޭކަން އެނގުނީމަ އެވެ. ދެމެދުގައި މުއާމަލާތު ކުރުމުގެ ހުރަހެއް ނެތުނީމަ އެވެ.

"އެއީ ކީއްވެ؟." ރާހިން އެއްސެވެ.

"ކޯއްޗެއް ބޭނުންވެގެން ތިއުޅެނީ؟. ކަލެއާއެކު ހޮޓެލަށް ގެންދަންތަ؟. މިރެއިން އެކަނި ހިތް ފުރޭނަތަ؟." އެ އަންހެންކުއްޖާ ބުންޏެވެ.

"އެކަހަލަ މީހެއްނޫން އަހަރެންނަކީ. މިހެން ދައްކާލާ ވާހަކައަކުން އެއްވެސް މީހަކަށް އަނެކާގެ ގޮތެއް ނޭނގޭނެ. ތީ މި ރަށު ކުއްޖެއްތަ؟. ނަމެއް ވެސް ނުބުނަމެންނު؟." ރާހިން ބުންޏެވެ.

"އަހަރެން މީ އެއްވެސް މީހެއްނޫން. އަހަރެން މަރުވިޔަސް ދެރަވާނެ މީހަކު މި ދުނިޔެއަކުނެތް. އަހަރެން... އަހަރެންނަކީ މި ދުނިޔެއަށް ގިނަވެފައި ހުރި ބޭކާރު ނަފްސެއް... އަހަރެންގެ ކައިރީ ވަގުތު ބޭކާރުނުކޮށް އެނބުރި ރަޙުމަތްތެރީންގެ ކައިރިޔަށްދޭ. އެހެންނޫނީ އަހަރެންގެ ބަދުނަސީބުކަމުގެ އަސަރު ކަލޭގެ ހަޔާތަށް ކޮށްފާނެ." އެ އަންހެންކުއްޖާގެ ރުއިން ގަދަވި އެވެ. އޭނާ ތަޙައްމުލު އެ ކުރަނީ ކޮންކަހަލަ ހިތްދަތިކަމެއްކަން ރާހިންނަށް ލަފާކޮށްލާން ވެސް ނޭނގެ އެވެ. އެހެންވިޔަސް އޭނާގެ ހިތް މޮޅިވަމުންދިޔަ އެވެ. އެ އަންހެންކުއްޖާގެ ހާލު އެނގެން ޝައުގުވެރިކަން އުފެދުނީ އެވެ. އެ ދަންވަރު އޭނާ ދޫކޮށްލާފައި ދާކަށް ރާހިން އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ.

"މިތާ ކައިރީތަ އުޅެނީ؟." ރާހިން އަހާލި އެވެ. އެ އަންހެންކުއްޖާ އެއްވެސް ޖަވާބެއް ނުދިނެވެ.

"ހިނގާ ގެއަށް ލައިދޭނަން. މިހާ ލަސްވީމަ އެކަނި ދަތުރުކުރުން ސޭފެއް ނުވާނެ. އަހަރެން ތީނައާއެކު ދާނަން." ރާހިން ބުންޏެވެ.

އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އެ އަންހެންކުއްޖާ ހިނގައިގަތެވެ. ރާހިން މަޑުމަޑުން އެ އަންހެންކުއްޖާގެ އަތުން ދޫކޮށްލައި އެއް ހަމައެއްގައި ފިޔަވަޅު އަޅަމުން އައެވެ. މައި މަގަށް ނުކުމެވުމުން ރާހިން އަހާލީ ޓެކްސީއެއް ނަގަންތޯ އެވެ. އެ އަންހެންކުއްޖާ ބޯހޫރުވާލީ އެވެ. އޭނާ ދިރިއުޅެނީ އެތާ ކައިރީގައިކަން ނަގައިގަންނަން ރާހިންއަށް އެނގުނީ އެހެންވެ އެވެ. މަޑު ހިނގުމެއްގައި އެ އަންހެންކުއްޖާ ހިނގަމުންދިޔަ އެވެ. އެތެރެއަށް ވަދެގެން ހުރި ދެ މަގަކުން ގޮސް ދަގަނޑު ގޭޓެއް ލާފައި ހުރި އިމާރާތެއްގެ ކައިރިޔަށް އޭނާ މަޑުކުރި އެވެ. އެއީ އާދައިގެ ހޮޓަލެކެވެ.

"މިތާތަ ހުންނަނީ؟." ރާހިން އަހާލި އެވެ. އެއާއެކު އޭނާ ބޯޖަހާލީ އާނއެކޭ ބުނާށެވެ.

"މިޔާ..." އެ އަންހެންކުއްޖާ މަޑުމަޑުން ބުނެލި އެވެ. އިސްއުފުލައި ރާހިންނަށް އޭނާ ބަލާލި އެވެ.

"އަހަރެންގެ ނަން... މިޔާ ކިޔަނީ... އަހަރެންނަކީ ރާއްޖެ ކުއްޖެއް." ރާހިންގެ ހައިރާންކަމަށް އެ އަންހެންކުއްޖާ ޖަވާބުދިނެވެ.

"މިޔާ ރާއްޖެތަ؟. އަހަރެންގެ މާމައަކީ ވެސް ރާއްޖެ މީހެއް. އަހަރެންނަށް ދިވެހި އެނގޭ... އެކަމަކު އެހާ ފަރިތައެއްނުވާނެ. އަސްލު ދިވެހިން ވާހަކަދައްކާނެ ފުރުޞަތެއް ނުލިބޭ. އުފަންވީ ވެސް ބޮޑުވީ ވެސް ފަރަންޖީންގެ ތެރޭ." ރާހިން ކުޑަކޮށް ހީނލި އެވެ. ނަމަވެސް މިޔާގެ މޫނުމަތިން އުފާވެރިކަމުގެ ޒަރެއް ވެސް ފާޅުނުވާކަން ރާހިންނަށް ފާހަގަވި އެވެ.

"ކޮންފްލޯއެއްގައި ހުންނަނީ؟." ރާހިން އަހާލި އެވެ. އޭނާގެ ފޯނު ރިންގުވީ އެވަގުތެވެ. ޖިންސުގެ ޖީބުން ފޯނު ނެގިއިރު ގުޅަނީ ސަންޖީވް އެވެ. ރާހިން ބޭރަށް ނުކުތްތާ ގިނައިރު ވެގެންނެވެ.

"ހެލޯ ސަންޖީވް. މާދަމާ ދިމާކުރާނަން. އަހަރެން އެނބުރި ހޮޓެލަށް މިދަނީ. މާބޮޑަށް ވަރުބަލިވީ." ރާހިން ފޯނުކޯލަށް ޖަވާބުދެމުން ބުންޏެވެ. އޭނާ ދެއްކި ވާހަކަތަކަށް ސަމާލުކަން ދީގެންކަން މިޔާ ހުރީ ރާހިން ދެނެގަތެވެ. ފޯނުކޯލު ނިންމާލި ގޮތަށް ރާހިން ވާހަކަދެއްކި އެވެ. ސަންޖީވްގެ ކައިވެންޏަށްކަން އައިސް އުޅެނީ ރާހިން ބުންޏެވެ. އަދި އޭނާ އެ ގުޅީ ރާހިން އެނބުރި ނައިސްގެންކަން ވެސް ބުނެލި އެވެ.

"އެތެރެއަށް ވަންނާނަންތަ؟." މިޔާ އަހާލި އެވެ.

"މިޔާގެ މައްސަލައެއް ނެތިއްޔާ." ރާހިން ބުންޏެވެ.

"އަހަރެންނަށް ތީ ކާކުކަމެއް ނޭނގޭ. އިތުބާރެއް ވެސް ނެތް... އެހެންވިޔަސް މިރޭ އަހަރެން އެކަނި އިންނާކަށް ބޭނުމެއްނޫން." ރާހިންނާ ނަޒަރު ސީދާކޮށްލައިގެން ހުރެ މިޔާ ބުންޏެވެ. އެ ދެ ލޮލުގައި ވިދަމުންދިޔަ ކަރުނަތައް ރާހިންނަށް ސިއްރެއް ނުވެ އެވެ.

(ނުނިމޭ)