ދުނިޔެ

ލަންކާގެ ރައީސަކަށް ޑިސަނަޔަކެ ހޮވިދާނެ ކަމަށް ބެލެން ފަށައިފި

ލަންކާގައި އިއްޔެ އޮތް ރިޔާސީ އިންތީޚާބުގައި ވޯޓުލާ ނިމި މިހާރު ކުރިއަށް ދަނީ ވޯޓު ގުނުމުގެ މަސައްކަތްތަކެވެ. މިހާތަނަށް ގުނި ވޯޓުތަކުން ވާދަވެރި ނަތީޖާއެއް ފާޅުވަމުން އަންނައިރު ގިނަ ބަޔަކު ބުނަނީ އިންތިޚާބު ކާމިޔާބުކުރައްވާނީ އަނޫރާ ކުމާރު ޑިސަނަޔަކެ ކަމަށެވެ.

މި އިންތީޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހާ އާއި، އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ، އަނޫރާ ކުމާރު ޑިސަނަޔަކެ އަދި ނަމާލް ރާޖަޕަކްސާގެ މެދުގަ އެވެ.

ވޯޓުގެ ނަތީޖާ ދައްކާ ގޮތުން މިހާތަނަށް ކުރި ހޯއްދަވާފައި ވަނީ ޑިސަނަޔަކެ އެވެ. އޭނާއަށް 52 ޕަސެންޓް ވަނީ ލިބިވަޑައިގެންފަ އެވެ. ރަނިލްއަށް 16.4 ޕަސެންޓް، ސަޖިތަށް 23.86 ޕަސެންޓް އަދި ނަމާލްއަށް 2.94 ޕަސެންޓް އެވެ.

ޑިސަނަޔަކެ ހޯއްދަވަމުންދާ ނަތީޖާއަށް ލަންކާ ސަރުކާރުގެ ބައެއް ވަޒީރުން މަރުހަބާ ދަންނަވައި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ މިހާރުވެސް ދަނީ ސޯޝަލް މީޑިއާތަކުގައި ޝުއޫރު ފާޅުކުރައްވަމުންނެވެ.

ލަންކާގެ ޚާރިޖީ ވަޒީރު އަލީ ސަބްރީ އެކްސްގައި މެސެޖްކުރައްވައި ޑިސަނަޔަކެއަށް ވަނީ މަރުހަބާ ދަންނަވާފަ އެވެ. އަދި ރަނިލްއަށް ކެމްޕެއިންކޮށްދެއްވުމުގައި ހުންނެވި ނަމަވެސް، ރައްޔިތުން ވަކި ގޮތެއް ނިންމުމުން އެ ގޮތް ގަބޫލުކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އަނޫރާ ކުމާރު ޑިސަނަޔަކެ އަކީ ލަންކާގައި މިހާތަށް މަގުބޫލް ސިޔާސީ ލީޑަރެއް ނޫނެވެ. އޭނާ އަކީ ގާނޫންހަދާ މަޖިލީހުގެ މެމްބަރެއް ނަމަވެސް، އޭނާއާ އެކު މަޖިލީހުގައި އޭނާގެ ޕާޓީ -- ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ތަމްސީލްކުރަައްވަނީ ތިން މެމްބަރުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލަންކާގެ ސިޔާސީ މައިދާނުން ޑިސަނަޔަކެއަށް ކުއްލި މަޝްހޫރުކަމެއް ލިބިވަޑައިގެންފައި މިވަނީ އާންމުންގެ ޝުއޫރުތަކާ އޭނާ ކުޅުއްވާލެއް މޮޅުކަމުންނެވެ.

އިންތިޚާބަށް ކެމްޕެއިން ކުރެއްވިއިރު، ލަންކާ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެ -- ކޮރަޕްޝަން ނައްތާލައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ބާޒާރުގެ އަގުތަށް ތިރިކުރެއްވުމަށް މިގެކުރީގެ ސަރުކާރުތަކުން އަމަލުނުކުރާ ފޮމިއުލާތައް ބޭނުންކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ދަނޑުވެރިންގެ އުފެއްދުންތަކަށް ރަނގަޅު އަގެއް ހޯއްދަވައި ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ލަންކާގެ އިގުތިސާދަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ކޮރަޕްޝަން ކަމަށް ޑިސަނަޔަކެ ވިދާޅުވި އެވެ. ނިކަމެތި މީހާއަށް ވަޒީފާއެއް ނުދެވިގެން އުޅެނީ މަޝްހޫރުކަން ހޯދަން ވެރިން މަސައްކަތްކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އިންތީޚާބުގައި ޑިސަނަޔަކެ ކުރި ހޯއްދެވުން ވަނީ ބޮޑު ހައިރާން ކަމަކަށް ވެފަ އެވެ. ސަބަބަކީ ބާރުގަދަ ލީޑަރުންނާއި މަޝްހޫރުވެރިން ވަކި ކެންޑިޑޭޓަކު ހޮވުމަށް ކެމްޕެއިންކުރެއްވި ނަމަވެސް، އެއިން ކަމެއްގެ އަސަރު އިންތިޚާބުން ފެންނަން ނެތުމުންނެވެ.