ލަންކާގެ އިންތިޚާބީ ރައީސް އަނޫރާ ކުމާރަ ޑިސާނަޔަކަ މިއަދު ހެނދުނުގެ ވަގުތެއްގައި މަގާމުގެ ހުވައިކުރައްވައި ޒިންމާތަކާ ހަވާލުވެވަޑައި ގަންނަވާނެ ކަމަށް އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕިޕީ) ޕާޓީގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ޑިސާނަޔަކަ ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެން ހަތަރު މެމްބަރުންގެ ކެބިނެޓެއް އެކުލަވާލައްވާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އެންޕީޕީ އަކީ ޖަނަތަ ވިމުކުތީ ޕެރަމުނާ ޕާޓީގެ ގޮތްޕެކެވެ. މިއީ މާކްސިސްޓް، ކޮމިއުނިސްޓް ފިކުރުގެ ޕާޓީއެކެވެ. ވެރިކަމުގެ ބާރުތައް އުފައްދައި އެކުލަވާލުމުގައި ޖަނަތަ ވިމުކުތީ ޕެރަމުނާގެ ފިކުރު ވަރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
އެންޕީޕީ އަކީ ލަންކާގެ ގާނުންހަދާ މަޖިލީހުގައި މި ވަގުތު މާބޮޑު ބާއެއް އޮތް ޕާޓީއެއް ނޫނެވެ. ޕާލަމެންޓްގައި ހިމެނެނީ އެންޕީޕީގެ ތިން މެމްބަރުންނެވެ. މިހެން ކަން އޮއްވައި ޑިސާނަޔަކައަށް ރައީސްކަން ލިބިވަޑައިގަތުމާ ގުޅިގެން ޕާލަމެޓްގައި އޭނާގެ ގޮނޑި ހުސްވާނެ އެވެ.
ޑިސާނަޔަކަ އެކުލަވާލައްވާ ވަގުތީ ކެބިނެޓްގައި ހިމެނޭ ހަތަރުވަނަ މެމްބަރަކީ ޖަނަތަ ވިމުކުތީ ޕެރަމުނާގެ ފިކުރުގެ މެމްބަރެއް ކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ހަރީނީ އަމަރަސޫރިޔާ ވިދާޅުވި އެވެ.
ޑިސާނަޔަކަ ހުވައިކުރެއްވުން ކުލަގަަދަ ނުކުރާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. މި ހަފުލާ އޮންނާނީ ރައީސް އޮފީހުގައި ބާއްވާ އާދައިގެ ރަސްމިއްޔާތެއްގަ އެވެ.
ޑިސާނަޔަކަ ސަރުކާރުގައި އޮންނާނީ 15 ވުޒާރާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ޚަބަރުތައް ބުނެ އެވެ. އާ ސަރުކާރުގެ މަސައްކަތްތައް ފެށުމުގެ ކުރިން -- ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި ލަންކާގެ ގާނޫންހަދާ މަޖިލީސް އުވާލާނެ ކަމަށް ވެސް ޚަަބަރުތައް ބުނެ އެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު ރައްޔިތުންނާ މުޚާތަބުކުރައްވައި ޑިސާނަޔަކަ ދެއްކެވި ވާހަކަތަކުގައި ސަރުކާރު ހިންގުން ހަރުދަނާކުރެއްވުމަށް އެހެން ޕާޓީތަކަށް ދައުވަތު ދެއްވާނެ އެވެ.
ގާނޫންހަދާ މަޖިލީސް އުވާލަނީ ސަރުކާރަށް އެއްބާލުން ހޯދުމަށް މެމްބަރުން އިތުރުކުރުމަށް ކަމަށް ބެލެވެ އެވެ.