ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސާނަޔަކައަށް ލިބިވަޑައިގަަންނަވާ ބާރުތަކުގެ ދަށުން ގާނޫނު ހަދާ މަޖިލީސް އުވާލައިވައި، ނޮވެމްބަރު 14 ގައި އާންމު އިންތިހާބު ބާއްވާ ގޮތަށް ނިންމަވައިފި އެވެ.
އާންމު އިންތިހާބުގައި ވާދަކުރަން އެދޭ މީހުން ފުރުސަތު ހުޅުވާލައި އޮކްޓޯބަރު ހަތަރަކުން 11 އަށް ވަނީ އެ ތާރީޚް ހަމަޖައްސާފަ އެވެ.
ގާނޫނު ހަދާ މަޖިލީސް އަލުން އެކުލަވާލުމަށްފަހު، މަޖިލީސް ބައްދަލުކުރާ ފުރަތަމަ ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ ނޮވެމްބަރު 21 ގައެވެ.
ލަންކާގައި މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި އަނޫރާ ކުމާރަ ޑިސާނަޔަކައަށް ފުރަތަ ބުރުގައި ލިބިވަޑައިގަތގީ 42 ޕަސެންޓެވެ. އިލެކްޝަން ގަވާއިދު އޮންނަ ގޮތުން ރައީސަކަށް ހޮވޭ ކެންޑިޑޭޓަކަށް 50 ޕަސެންޓް ލިބެން ޖެހެ އެވެ.
ރައީސަކަށް ވަކި ކެންޑިޑޭޓަކު ހޮވުމަށް ލަންކާގެ އިލެކްޝަން ކޮމިޝަނުން ވޯޓު ދެވަނަ ފަހަރަށް ގުނައި، ވޯޓުލީ މީހުންގެ އިޚުތިޔާރަށް ބުރަވެ ރައީސަކު ހޮވީ އެވެ.
ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވި އިރުވެސް ޑިސާނަޔަކަ ވަނީ ގާނުނު ހަދާ މަޖިލީސް އުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ގާނޫނު ހަދާ މަޖިލީހަށް މުޅިން އާ މެމްބަރުން ހޮވައިގެން ނޫން ގޮތަކަށް ލަންކާއިން ކޮރަޕްޝަން ނައްތައި ނުލެވޭނެ ކަމަށްވެސް ޑިސާނަޔަކަ ވިދާޅުވި އެވެ.
ޑިސާނަޔަކަގެ ޕާޓީ -- ނެޝަނަލް ޕީޕަލްސް ޕާޓީ (އެންޕީޕީ) އަކީ ގާނޫނި ހަދާ މަޖިލީހުގައި މާބޮޑު ބާރެއް އޮތް ޕާޓީއެއް ނޫނެވެ.
އުވާލި މަޖިލީހުގައި އެ ޕާޓީއަށް ލިބިފައި އޮތީ އެންމެ ތިން ގޮނޑި އެވެ. އެހެންކަމުން އެންޕީޕީގެ ސަރުކާރުން ގައުމު ހިންގަން އެދޭ ގޮތަށް އަދި އާވެރިކަމުން ބޭނުންވާ ގާނޫނުތައް ހަދައި ފާސްކުރުން ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.
އިދިކޮޅު ޕާޓީތަކުން ބަލާނީ ސަރުކާރު ހިންގާ ޕާޓީއަށް ޖެއްސުންކޮށް ރުޅިއަރުވައި ގޯސްތަކެއް ހެއްދުމަށެވެ. އަދި ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ބޭނުންވާ ކަންތައްތައް ލަސްކުރުވައި ހުއްޓުވުމަށެވެ.
ރައްޔިތުންގެ މަޖިލީސް ތެރޭގައި އިދިކޮޅުން މިފަދަ ހަރަކާތްތަަކެއް ހިންގަފާނެ ކަމަށް ބައްލަވައި ގާނޫނު ހަދާ މަޖިލީސް އުވާލައްވަވަން، ރައީސް އަނޫރާ ކުމާރަ ޑިސާނަޔަކަ ނިންމެވީ އެވެ.