ދުނިޔެ

ލަންކާއަށް ސިޔާސީ ބިންހެލުމެއް، މަގުބޫލުކަމެއް ނެތް ރައީސެއް

ލަންކާގެ ރައީސްގެ މަގާމަށް އަނޫރާ ކުމާރަ ޑިސާނަޔަކަ ހޮވިވަޑައިގަތީ އޭނާގެ މަގުބޫލުކަމަކުން ނޫންނެވެ. ޝާހީ ޚާންދާނަކަށް ނިސްބަތްވާތީއެއް ވެސް ނޫނެވެ. އެކަމަކު އެއީ ލަންކާ މިހާރު އޮތް ދަތި ހާލަތުން އަރައިގަތުމަށް ކޮރަޕްޝަން ނައްތާލައްވާނެ ކަމަށް ވައުދުވެވަޑައިގެން އާންމު ރައްޔިތުންނަށް ދެއްވި ޔަގީންކަމުގެ ސަބަބުންނެވެ.

ޑިސާނަޔަކަ އަކީ ސްކޫލް ދައުރުގައި ވެސް ސިޔާސީ ލީޑަރެކެވެ. ތައުލީމީ ދުވަސްވަރު ސްކޫލް ކުދިން ސިޔާސީ ހަރަކާތްތަކަށް ހޭލުންތެރިކުރުވައި، ސްޓޫޑަންޓް ޕޮލިޓިކްސްގައި އަވަދިނެތި ވަރަށް މުރާލި ހަރަކާތްތެރިއެއް ގޮތުގައި -- ހަރަކާތްތެރިވެ ވަޑައިގެންނެވި އެވެ.

އަނުރާ ކުމާރަ ޑިސާނަޔަކަ އުފައްވެ ވަޑައިގަތީ ނޮވެމްބަރު 24، 1968 މަސައްކަތްތެރި އާއިލާއަކަށެވެ. ޑިސާނަޔަކައަށް އާންމުކޮށް މުޚާތަބުކުރެވެނީ އޭނާގެ ނަމުގައި ހިމެނޭ ތިން އަކުރު ވަނަމަކަށް ހަދައި -- އޭކޭޑީ ގެ ނަމުންނެވެ.

އޭކޭޑީގެ ބައްޕަ އަކީ މަސައްކަތްތެރިއެކެވެ. މަންމަ އިންނަވަނީ ގޭގައި ދަރިން ބެލުމަށެެވެ. އާއިލާގައި ދެން ހުންނަވަނީ އޭނާގެ ދައްތަ އެވެ.

ޑިސާނަޔަކަ، 55، ކައިވެނި ބައްލަވައިގެން އަންބަކާއި އަދި ދަރިއަކުވެސް މިހާރު ހުރެ އެވެ.

ޑިސާނަޔަކަ އަކީ ސްކޫލް ދައުރުގައި ވެސް ޖަނަތާ ވިމުކުތީ ޕެރަމުނާ (ޖޭވީޕީ) ނުވަތަ ޕީޕަލްސް ލިބަރޭޝަން ފްރޮންޓް މެމްބަރެކެވެ. ފިޒިކަލް ސައިންސުން ޑިގްރީއެއް ހާސިލުކުރެއްވުމަށް ފަހު އޭނާގެ މުހިންމު ވަގުތުތައް ސިޔާސީ ހަރަކާތްތަކުގައި ހޭދަކުރެއްވި އެވެ.

ޖޭވީޕީ އަކީ ލަންކާގައި ހަމަނުޖެހުން އުފެެއްދުމަށް މަޝްހޫރު ޕާޓީއެކެވެ. ސަރުކާރު ވައްޓާލަން ދެތިން ފަހަރަކު ދިމާކުރި އެވެ. ކޮރަޕްޝަން ނައްތާލަން ކަމަށް ގޮވައި މަގުތަކަށް އާންމުން އެއްކުރި އެވެ. މި ގޮތުން ހިނގާދިޔަ ހަރަކާތްތަކުގައި -- އަމަން ބަލަހައްޓާ އޮފިސަރުންނާ ދެމެދު ހިނގާދިޔަ ހަމަނުޖެހުންތަކުގައި 80،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ޑިސާނަޔަކަ ގާނޫންހަދާ މަޖިލީހަށް ހޮވިވަޑައިގަތީ 20000 ވަނަ އަހަރު އެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން، އޭނާގެ ޖޭވީޕީ ވެސް ހިމެހޭ ގޮތުން ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ގެ ނަމުގައި ކޯލިޝަނެއް އެކުލަވާލައްވައި 2019 ގައި ލަންކާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި އެވެ.

މި އިންތިޚާބުގައި އޭނާއަށް ލިބިވަޑައިގަތީ ޖުމުލަ ވޯޓުގެ ތިން ޕަސެންޓްވެ.

ގާނޫންހަދާ މަޖިލީހުން ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ފުރަތަމަ ކުރެއްވި ތަޖުރިބާގައި ފޭލިވެވަޑައިގަތް ނަމަވެސް، އޭކޭޑީ ގަސްދުކުރެއްވީ އޭނާގެ ޕާޓީގެ ފިކުރު -- މާކްސިސްޓް ފިކުރު ވިއްކެވުމުގައި ދެމި ހުންނެވުމަށެވެ.

އޭކޭޑީ އަކީ އިގުތިސާދީ ގޮތުން މާކްސިސްޓް ފިކުރަށް ތާއީދުކުރައްވާ ލީޑަރެވެ. ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވި ދުވަސްވަރު އޭނާ ވަނީ މި ފިކުރު ވިއްކަވާފަ އެވެ. ރައްޔިތުންނާ ވަރަށް ގާތުން އެ މީހުން އިހުސާސްތަކަށް އޯގާތެރިކޮށް ހިތްތަވާފަ އެވެ.

ލަންކާގައި ތަކެތީގެ އަގު ޖީބަށް ތަކާވަރުގައި ބަހައްޓަވާނެ ކަމަށް އޭކޭޑީ ވައުދުވެވަޑައިގެންނެވި އެވެ. ޓެކްސް ކުޑަކުރުމާއި ސަރުކާރުން ހިލޭދޭ އިނާޔަތްތައް އިތުރުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭކޭޑީ ދެއްކެވި މިފަދަ ހިތްވަރުގަދަ ވާހަކަތަކުގެ ސަބަބުން ނިކަމެތިންގެ ހިތްތައް އޭނާގެ މައްޗަށް ލެނބި، ކާމިޔާބަށް މަގުފަހިކުރުވި އެވެ.

ލަންކާގައި ހޮނިހިރު ދުވަހު އޮތް އިންތީޚާބުގެ ނަތީޖާ ހީކުރި ގޮތާ މުޅިން ޚިލާފަށް އެނބުރި ގޮސް -- ޝާހީކަމެއް ނެތް އާދައިގެ މީހަކަށް ކާމިޔާބުކުރެވުން ލިޔުންތެރިން ސިފަކުރަނީ އެ ގައުމަށް އެރި ސިޔާސީ ބިންހެލުމެއް ގޮތުގަ އެވެ.