ދުނިޔެ

ލަންކާ ރިޔާސީ އިންތިހާބުގައި ޕްރެފަރެންޝަލް ވޯޓު ގުނަނީ

ލަންކާގައި އިއްޔެ އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ގުނައި ނިމުމަކާ ހަމައަށް ދިޔައިރުވެސް ވަކި ކެންޑިޑޭޓަކަށް ވޯޓުގެ 50 ޕަސެންޓް ލިބިފައެއް ނުވެ އެވެ.

ލަންކާގެ އިލެކްޝަން ކޮމިޝަނުން މި ހާލަތުގައި އަމަލުކުރަން ނިންމާފައި އޮތީ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ޕްރެފަރެންޝަލް ވޯޓުގެ ދެ ބުރު ބޭއްވުމަށެވެ.

މިއީ ވޯޓުލާ މީހުންގެ އިހްތިޔާރަށް ބަލައި ކެންޑިޑޭޓުންނަށް ވޯޓު ބެހިގެންދާ އުސޫލެކެވެ.

ވޯޓު ގުނުމަށް ހާއްސަ މި މަރުހަލާއާ ޖެހުމުން އެންމެ ގިނައިން ވޯޓު ހޯދި ދެ ކެންޑިޑޭޓުން -- ބައެއް ހާލަތްތަކުގައި އެންމެ ގިނައިން ވޯޓު ހޯދި ތިން ކެންޑިޑޭޓުން ފިޔަވައި ދެން ތިބ ކެންޑިޑޭޓުންގެ ނަންތައް ބާތިލުކުރެވެ އެވެ. އަދި އެ މީހުންނަށް ލިބިފައި ހުރި ވޯޓުތައް، އެންމެ ގިނައިން ވޯޓު ހޯދި ކެންޑިޑޭޓުންގެ މެދުގައި ވަކި ތަރުތީބަކުން ބަހާލެވެ އެވެ.

ވޯޓު ގުނުމުގެ ނިޒާމު މިގޮތަށް ބަދަލުކުރާއިރު، ވޯޓު ލުމުގެ ކުރިން އާންމުންނަށް މިކަން އަންގަ އެވެ. އެއީ ވޯޓު ކަރުދާހުގައި އޮންނަ ނަންތަކުން ރައީސްގެ މަގާމަށް ގެނައުމަށް އެ މީހަކަށް ފެންނަ ބަޔަކު އެކެއް، ދޭއް އަދި ތިނެއްގެ ތަރުތީބުން އަތުރާލުމަށެވެ.

ލަންކާ އިލެކްޝަން ކޮމިޝަނުން މިހާރު ނިންމާފައި ވަނީ އެންމެ ގިނައިން ވޯޓު ހޯދި އަނޫރާ ކުމާރު ޑިސަނަޔަކެ އަދި ސަޖިތު ޕްރެމަދާސާގެ ދެމެދުގައި މި އުސޫލުން ވޯޓު ގުނުމަށެވެ.

އިލެކްޝަން ކޮމިޝަނަރު ރަތުނަޔަކެ ވިދާޅުވި ގޮތުގައި އެންމެ ގިނަ ވޯޓު ހޯދީ ޑިސަނަޔަކެ އެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދީ ޕްރެމަދާސާ އެވެ. ނަމަވެސް މިއިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ލަންކާގައި މި ގޮތަށް ވޯޓު ގުނާ ފުރަތަމަ ފަހަރެވެ.