ދުނިޔެ

ލަންކާގެ ރައީސަކަށް އަނޫރާ ކުމާރަ ޑިސާނަޔަކަ ހޮވިވަޑައިގެންފި

ލަންކާގައި އިއްޔެ އޮތް ވާދަވެރި ރިޔާސީ އިންތިޚާބުގައި އަނޫރާ ކުމާރަ ޑިސާނަޔަކަ ރައީސްކަމަށް ހޮވިވަޑައިގެންފި އެވެ. މި ނަތީޖާއާ އެކު ޑިސާނަޔަކަ ވެފައި މިވަނީ ލަންކާގެ ނުވަވަނަ އެކްޒެކެޓިވް ރައީސަށެވެ.

ވޯޓުގުނުމުގެ ފުރަތަމަ ބުރުން ވަކި ކެންޑިޑޭޓަކަށް 50 ޕަސެންޓުން އިންތިޚާބު ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. މިހެންކަމުން ނަތީޖާ ނެރެ، ރައީސަކު ހޮވާފައި މިވަނީ ވޯޓުލީ މީހުންގެ އިޚުތިޔާރަށް ބުރަވެ -- ޕްރެފަރެންޝަލް ވޯޓުން، ދެވަނަ ފަހަރަށް ވޯޓު ގުނައިގެންނެވެ.

އަނޫރާ ކުމާރަ ޑިސާނަޔަކަ އިންތިޚާބު ކާމިޔާބުކުރެއްވީ 5.74 މިލިއަން ވޯޓުންނެވެ. މިއީ ފޯޓުގެ 55.89 ޕަސެންޓެވެ. ޑިސާނަޔަކައާ އެންމެ ގާތުން ވާދަކުރެއްވި ސަޖިތު ޕްރެމަދާސާއަށް ލިބިވަޑައިގަތީ 4.53 މިލިއަން ވޯޓެވެ.

ޑިސާނަޔަކަ އިންތިޚާބު ކާމިޔާބުކުރައްވާފައި މި ވަނީ، ލަންކާއަށް މި ވަގުތު އެންމެ ބޮޑަށް ބޭނުންޖެހިފައި އޮތް މައުލޫއަށް ވަލާލާތުކުރައްވައިގެންނެވެ. އޭނާގެ ހުރިހާ ވެސް ވައުދަކީ، ދަރަނިން ބަނދެވިފައި އޮތް ލަންކާގައި ދުޅަހެޔޮ އިގުތިސާދެއް ގޮވާންކުރެއްވުމެވެ.

ލަންކާގެ އިގުތިސާދު ބަދަލުކޮށްލެއްވުމަށް ޑިސާނަޔަކަ، ރައީސްކަމުގެ ފުރަތަމަ ދުވަހު ފައްޓަވާ އެޖެންޑާގައި އޮތީ ކޮރަޕްޝަން ނައްތާލުމެވެ.

ސަރުކާރު ތެރެއަށް މޫލާފައި އޮތް ކޮރަޕްޝަންގެ މޫތައް ކޮނެގެން ނަގައި ބުޑުން އުފުރާލެއްވުމަކީ ވަރަށް ބުރަކަމެއްކަން އެނގިވަޑައިގަތް ނަމަވެސް، ޑިސާނަޔަކަ ހުންނެވީ އެ ވައުދުގެ މަތީގަ އެވެ.

ޒުވާނުން ބާރުވެރިކުރުވައި ކޮރަޕްޝަން ނެތް ލަންކާއެއް އުފަންކުރެއްވުމަށް ޑިސާނަޔަކަ މާދަމާ ހުވައިކުރައްވާއިރު، މިއީ މީގެ ކުރިން ރައީސްގެ ގޮޑިއަށް ވަޑައިގެންނެވި ލީޑަރުންނަށް ކެރިވަޑައިނުގެންނެވި ވައުދެކެވެ.

އިގުތިސާދީ ގޮތުން ކިރިޔާ ފުދުމަކީ ތަރައްގީވުން ނޫން ކަމަށް ޑިސާނަޔަކަ ގަބޫލުކުރައްވަ އެވެ. މިހެންކަމުން އޭނާގެ ދެން އޮތް ވައުދަކީ ދަނޑުވެރިންނަށްވެސް އެމީހުންގެ މަސައްކަތުން މަންފާކުރުމެވެ. ގޮވާންކޮށް ހައްދާ އެތިކޮޅު ކޮޅެއްގައި ނުޖެހި ގެއްލިގެން ނުދާނެ ކަމަށް އޭނާ ވަނީ ތަންކޮޅެއް ބާރަށް ވިދާޅުވެފަ އެވެ.

ޑިސާނަޔަކަ ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާއިރު އެ ހަވާލުވެ ވަޑައިގެންނެވެނީ 46 ބިލިއަން ޑޮލަރުގެ ދަރަންޏަކާ އެވެ. މިއީ ބޭރު ގައުމުތަކަށް ލަންކާ ދަރާފައި އޮތް ވަރެވެ.

ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ގުޅިގެން 2021 – 2022 ގައި ލަންކާ ވަނީ ބަނގުރޫޓުވެފަ އެވެ. ލަންކާ ބޭރަށް ދަރާފައި އޮތް ވަރުން މިކަން ސާބިތުކޮށްދެ އެވެ.

އިގުތިސާދީ ތަޖުރިބާކާރު ދެކެވަޑައިގަންނަވާ ގޮތުގައި، ޑިސާނަޔަކައަށް ވޯޓުދިން ފަގީރުން ރުއްސަމުން އަދި އިންޓަނޭޝަނަލް މަނީޓަރީ ފަންޑު (އައިއެމްއެފް) ބުނާހާ ކަމެއް އެއްފަހަރާ ކުރެއްވުން ޑިސާނަޔަކައަށް ފަސޭހައެއް ނުވާނެ އެވެ.