ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ރާއްޖެއާއި ޗައިނާ ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ޗައިނާގެ ސްޓޭޓް ގެސްޓް ހައުސްގައި ކުރިއަށް ދިޔަ މި މަޝްވަރާ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ ސިޓީއެއް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެން ހަވާލުކުރައްވާފަ އެވެ.

މަޝްވަރާ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރު ވަނީ ޗައިނާގެ "ވަން ޗައިނާ ޕޮލިސީ" ދިވެހި ސަރުކާރުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ޒަމީރު ވަނީ ޗައިނާ އަކީ ރާއްޖޭގެ އިގްތިސާދީ އަދި ތަރައްގީގެ މަސައްކަތްތަކުގައި ވަރަށް މުހިއްމު ބައިވެރިއެއް ކަމަށް ފާހަގަކުރައްވާ ޗައިނާ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރު ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ހަރަދު ކުޑަކުރުމަށް އަދި އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި މިމަސައްކަތުގައި ޗައިނާގެ އެހީތެރިކަމަށް އެދިވަދައިގެންނެވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޗައިނާ އާއި ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.