ވިލިމާލެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށްވާތީ އެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭން ހަރަކާތެއްގައި މިއަދު ވިލިމާލެ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ވިލިމާލެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ދިރިއުޅޭ ގެ 10 ބުރިއަށް ހެދުމަށް ހުއްދަ ނެތް މައްސަލަ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިއްޖެނަމަ ވަރަށް އަވަހަށް އެކަމުގެ ހުއްދަ ދެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"10 ބުރިއަށް ގަވައިދު ބަދަލުކުރެވޭނީ ސަރުކާރާއި މަޖިލީހާ އެއްކޮށް މަސައްކަތްކޮށްގެން. މިކަން ކުރެވޭނީ ޕްލޭނިން މިނިސްޓްރީން ގަވައިދު އިސްލާހު ކުރުމަށްފަހު މަޖިލީހުގެ އެކަމާ ބެހޭ ގަވައިދު ކޮމިޓީއަށް ފޮނުވައިގެން އެކަމާ ބެހޭ ގާނޫނަކަށް ގެންނަ ބަދަލެއްގެ ތެރެއިން ގަވައިދު އިސްލާހު ކުރެވިގެން،" ރައީސް ވިދާޅުވި އެވެ.
"މީގެ ކުރީގައި ޕްލޭނިން މިނިސްޓްރީ އާ ހިސާބުން ހިފެހެއްޓި ހިފެހެއްޓުން ދެނެއް ނުހިފެއްޓޭނެ. ދެން މަޖިލީހުން އިސްލާހުކޮށްދިނުމަށް އަޅުގަނޑުމެން އެދިފައިވާނީ،" މަޖިލީހުގެ ހުއްދަ ލިބުނުހާ އަވަހަށް ވިލިމާލޭގައި 10 ބުރިއަށް ގެ ހެދޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވި އެވެ.
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރައީސް ވިދާޅުވީ ވިލިމާލޭގައި ގެތައް 10 ބުރިއަށް އިމާރާތް ކުރަން ހުއްދަދޭއިރު އެ އަވަށުގެ ފެނާއި ކަރަންޓް ހިމެނޭހެން އަސަސީ ހިދުމަތްތައް އިތުރަށް ތަރައްގީކުރަންޖެހޭ ކަމަށެވެ.
"މިފުރުސަތު ދޭއިރުގައު އާބާދީއަށް ބަދަލު އަންނަ ވަރަކަށް ނެޓްވޯކާއި ފެނާއި ނަރުދަމާ އާއި ކަރަންޓު އަޕްގްރޭޑް ކުރެވިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެ އަވަށުގައި ފްލެޓް އެޅުމަށް ވަރަށް ގިނަ މަސައްކަތްކޮށް ސަރުކާރުގައި ހުއްދަ އެދުނު ނަމަވެސް އެ ހުއްދަ ނުދިނުމުން އޭރު އެކަން ނުވި ކަމަށެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން ބޭނުންވާނަމަ ވިލިމާލޭގައި ފްލެޓް އެޅުމުގެ ހުއްދަ މިހާރު އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެކަން ކައުންސިލް މެދުވެރިކޮށް ކުރާ ގޮތަށް ހުރީ މަސައްކަތްތައް ސަރުކާރުން ބޭނުންވާ ހުއްދަތައް ވާނީ ދީފަ. އެހެންކަމުން ދެން އެކަމުގެ މަސައްކަތްތައް ކައުންސިލުން ކުރިއަށް ގެންދަން ޖެހޭނީ" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލާ ގުޅިގެން ވިލިމާލެ ތަރައްގީކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެ ކަމަށެވެ. އެހެންކަމުން ސަރުކާރާ އެކު މަސައްކަތް ކުރާނެ މޭޔަރެއް ރައްޔިތުން އިންތިހާބު ކޮށްދިނުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.
ވިލިމާލޭގައި ކެމްޕޭން ކުރެއްވުމަށްފަހު މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރައީސް މުއިއްޒު ހުޅުމާލެއަށްވެސް ކެމްޕޭނަށް ވަޑައިގަންނަވާނެ އެވެ.