ވިލިމާލެ

ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ މީހުންނަށް ތިލަފުށިން ބިން ލިބޭނެ: ރައީސް

ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ މީހުންނަށް ކުރިއަށް އޮތް ހަމަސް ތެރޭގައި ތިލަފުށިން ބިން ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭން ހަރަކާތެއްގައި މިއަދު ވިލިމާލެ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ވިލިމާލޭގެ އެއްފަރާތެއްގައި ފައިބަރު މަސައްކަތް ކުރި ނަމަވެސް އެއީ އާންމު ސިއްހަތަށް ނުރައްކާވާ މަސައްކަތެއް ކަމަށެވެ.

އެހެންވެ ފައިބަރު މަސައްކަތް ކުރާ މީހުންނަށް ތިލަފުށިން ބިން ހަމަޖައްސައިދިނުމަށް އެމަނިކުފާނުގެ މޭޔަރު ކަމުގައި ކުރީ ސަރުކާރުގައި އެދިވަޑައިގެންނެވި ނަމަވެސް އޭރު އެކަމަށް ހުއްދަ ދީފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރު ތިލަފުށިން ބިން ހަމަޖެހި ބިން ދޫކުރަން ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އެންމެ ގިނަ ވެގެން ހަމަސް ދުވަސް ތެރޭގައި އެމަސައްކަތް ނިމިގެން ދާނެ. މިހާރު މަސައްކަތް ކުރާ މީހުންގެ އިތުރަށް އެހެން މީހުންނަށްވެސް އެކަން ކުރަން ފުރުސަތު ލިބި ވަރަށް ތަރުތީބުކޮށް އުސޫލުގެ ތެރެއިން މަސައްކަތް ކުރެވިގެންދާނީ" ރައީސް ވިދާޅުވި އެވެ.

ވިލިމާލޭ ފައިބަރުގެ މަސައްކަތް ކުރިން ކުރަމުން ގެންދިޔައީ އެ އަވަށުގެ ހުޅަނގު ދެކުނު ފަރާތުގަ އެވެ. އެ މަސައްކަތް އަވަށުގެ އިރުމަތި ފަރާތު ބީޗާ ދިމާލަށް ބަދަލުކުރަން މާލެ ސިޓީ ކައުންސިލުން ކުރިން ނިންމީ މާލެ، ވިލިމާލެ ތިލަފުށި އަދި ގުޅިފަޅު ގުޅާލައި ތިލަމާލެ ބްރިޖުގެ މަސައްކަތް ފެށުމަށް ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތް ސަރުކާރުން ބޭނުންވުމުންނެވެ. އެހެންކަމުން ބިމެއް ލިބެންދެން ވިލިމާލޭގައި ވަގުތީ ހަރުގެއެއް ހަދައިގެން އެތަނުގައި ފައިބަރު މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްވެސް އޭރު ސިޓީ ކައުންސިލުން ނިންމި އެވެ.