މާލެ ތަރައްގީކުރުމަށްޓަކައި ސަރުކާރާ އެކު މަސައްކަތް ކުރާނެ ބޭފުޅަކު މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ރައީސް މިކަމަށް އެދިވަޑައިގަތީ މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ކެމްޕޭން މިއަދު ނިންމަންޖެހޭތީވެ ޗައިނާގައި ހުންނަވައިގެން އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.
ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ބަންޑާރަނައިބް އައިޝަތު އާޒިމާ ޝަކޫރު އެވެ. މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބާ އެކު މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން ދާއިރާއަށް ކައުންސިލަރުންވެސް ހޮވާނެ އެވެ.
ރައީސްގެ ވީޑިއޯގެ މެސެޖުގައި ވިދާޅުވީ މާލޭގެ މޭޔަރުގެ މަގާމުގައި އެމަނިކުފާނު ހުންނެވި ދުވަސްވަރު އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިން ކަމަށެވެ. ނަމަވެސް މިއަދު އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށާއި އެކަމަކު މަސައްކަތް ކުރަން ފަސޭހަ ވާނީ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން އެއްބާރުލުން ދެއްވާނެ ބޭފުޅަކު ހޮވައިގެން ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ގަބޫލުނުކުރާ ކެންޑިޑޭޓަކު މާލޭގެ މޭޔަރު ކަމަށް ހޮވައިފިނަމަ އަނެއްކާވެސް ރައްޔިތުންނަށް ހިތި ތަޖުރިބާތަކެއް ކުރަންޖެހިދާނެ ކަމަށެވެ. ރައްޔިތުން މާދަމާ ވޯޓްލާއިރު "ރިސްކެއް" ނުނަންގަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ރައްޔިތުންގެ ފަރާތުން ހުންނަ މޭޔަރަކު ހޮވުމުގައި މާލޭގެ ރައްޔިތުން މާދަމާ ސަރުކާރަށް ތާއިދު ކުރައްވާ ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނާ ގުޅިގެން ތަންފީޒުކޮށްދޭނެ މޭޔަރަކު ހޮވާނެ ކަމަށް [އުއްމީދުކުރަން]،" ރައީސް ވިދާޅުވި އެވެ.
މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބުގައި ތިން ޕާޓީއަކުން ތިން ކެންޑިޑޭޓުން އަދި އަމިއްލަ ދެ ކެންޑިޑޭޓުން ވާދަކުރެ އެވެ.