ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާ އިން ރާއްޖެއަށް 1،000 ސްކޮލާޝިޕް ދީފި

ޗައިނާ އިން ދިވެހިރާއްޖެއަށް 1،000 ސްކޮލާޝިޕްގެ ފުރުސަތު ދީފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ޗައިނާ އިން ދިން 1،000 ސްކޮލާޝިޕަކީ ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖައްސައިދީފައިވާ ސްކޮލާޝިޕް ތަކެއް ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ބަހާލައިގެން 1،000 ސްކޮލާޝިޕަށް ކުދިން ފޮނުވާއިރު ކޮންމެ އަހަރަކުވެސް މަދުވެގެން 200 އެއްހާ މުވައްޒަފުން ޗައިނާއަށް ފޮނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ޗައިނާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތައް އޮޅުންފިލުއްވައި އެ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.