ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ރައީސްގެ ދެކަނބަލުން ޗައިނާގެ ބޮޑު ފާރަށް ޒިޔާރަތްކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަޙައްދަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ދެބޭފުޅުންވެސް ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.

މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލިޔުއްވި ހަނދާނީ މެސެޖުގައި ޗައިނާގެ މި ބިނާ އަކީ ހިތްވަރާއި ކާމިޔާބީއާ އެކުވެރިކަމުގެ ތާރީހީ ރަމްޒެއް ކަމުގައި ސިފަކުރައްވާފައިވެއެވެ. އަދި ޗައިނާގެ ނަންހުރި ހަޟާރަތަށް ތާރީފުކުރައްވާފައިވެ އެވެ.

ޗައިނާގެ ބޮޑުފާރަކީ ތާރީހީ ގޮތުންނާއި، ސަގާފީ ގޮތުންނާއި، އެތަނުން ދައްކުވައިދޭ ނަމޫނާ މަސައްކަތްތެރިކަމުގެ ސަބަބުން ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިނާ އެކެވެ. މިފާރަކީ 21،000 ކިލޯމީޓަރު ދުރަށް ދިގުދެމިފައިވާ ތާރީހީ މުހިއްމު ބިނާ އެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސްގެ ޗައިނާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭގެ ވަގުތެއްގައުި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.