ޑރ. މުހައްމަދު މުއިއްޒު

ރޯދައަށް ކޮންމެ ގޭބިސީއަކަށް ހަނޑޫ، ފުށް ބަސްތާއެއް ލިބޭނެ: ރައީސް

ކުރިއަށް ރޯދަ މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ސަރުކާރުގެ ހަރަދުގައި ދިނުމަށް ނިންމައިފި އެެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރޯދަ މަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި ފުށްބަސްތާއެއް ލިބޭނެ ކަމަށެވެ.


"އޭގެ އިތުރު ކަންތައްތައްވެސް ވާނެ. އަދި މި އަންނަ އަހަރު އެ އަށްވުރެ އިތުރުވެސް ކުރާނަން. އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސްގެން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެންމެ ގައުމަކުން ގެންނަ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް ކާޑުގެ ބާވަތްތައް ރާއްޖެއަށް ގެނައުމަށްޓަކައި ތުރުކީއާ އެކުގައިވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް އާންމު ގޮތެއްގައި ކާޑުގެ ބާވަތްތައް ގެންނަނީ އިންޑިއާ އިންނެވެ.

ތުރުކީއާ އެކު އެއްބަސްވީ މުޅި ރާއްޖެ އަށް އެެއް އަހަރަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް 10 ޕަސެންޓަށް ކާޑުގެ ބާވަތްތައް ވެސް ހިމެނުމަށްފަހު ކަމަށެވެ.

"މިހާރު ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައި. ފެބްރުއަރީ މަހު އަންނާނެ. ހަނޑޫ، ހަކުރު ދެންވެސް ހުރި، ފިޔާ، ބިސް އަދި އަލުވި، މިފަދަ ތަކެތި އެކި ގައުމުތަކުން މިހާރު ވަނީ ހަމަޖެހިފައި. އެ ތަކެތި އަންނާނެ،" ރައީސް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ގާއިމުކުރުމަށްޓަކައި ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.