ގއ. ވިލިނގިލިން އިތުރު ފަރުވާއަށް މާލެެއަށް ގެނައުން ލަސްވި ކުއްޖާ މާލޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މައްސަލައިގައި ސަރުކާރުން އިސްލާހީ ފިޔަވަޅުތަކެއް އަޅައިފި އެވެ.
މާލޭ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އުމުރުން 13 އަހަރުގެ ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ޚާލިދު އެވެ.
މިކުއްޖާ މަރުވުމާ ގުޅިގެން ކުއްޖާގެ އާއިލާއާއި މައިންބަފައިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު މިހާރު ވަނީ ކުއްޖާގެ ސިއްހީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ވިލިނގިލިން މާލެއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް އަންގަވާފަ އެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިސްލާހު ކުރުމަށްވެސް ރައީސް ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވާފަ އެވެ.
ރައީސްގެ އެންގެވުމުގައި ވަނީ ބަލި ހާލަތެއް މެދުވެރިވެގެން އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީއެންމެ އަވަހަށް ބަލިމީހާ ގެނައުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދިއުމަށްވެސް އެދިވަޑައިގެންފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްދާ އެއް ކަމަކީ، އެއާ އެމްބިއުލާންސްގެ ހިދުމަތް އަވަހަށް ތައާރަފް ކުރުން ކަމަށެވެ. މި ހިދުމަތް އަންނަ މާޗް މަހުގެ އެއްވަނަ ދުވަހު ފެށިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިއަދުން ފެށިގެން މޯލްޑިވިއަންގެ އުސޫލަށް ބަދަލުގެނެވި، އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައި. އަދި ހޮސްޕިޓަލަކުން އިމަޖެންސީ ކޭސް އެއްގެ މައުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ އިމަޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުން،" އަމީން ވިދާޅުވި އެވެ.