މީރާ

މީރާގެ ކޮމިޝަނަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މި ފުރުސަތު މިހާރު ހުޅުވާލާފައިވީ ނަމަވެސް މިމަގާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ރައީސް އޮފީހުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 އަދި 21 ވަނަ ދުވަހުގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށެވެ.

މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް ފޯމު ޑައުންލޯޑް ކުރެވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފަ އެވެ.

މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ފަތުހުﷲ ޖަމީލު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފަތުހުﷲ ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިމަރަފުށި ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވާފަ އެވެ.