ރައްޔިތުންގެ މަޖިލިސް

ޕޭ ކޮމިޝަނެއް އެކުލަވައިލުމުގެ ބިލު ބަލައިގަނެ ކޮމެޓީއަށް

ދައުލަތުގެ މުވައްޒިފުންގެ މުސާރައާއި އިނާޔަތްތައް ހަމަހަމަ އުސޫލެއްގެ މަތިން ކަންޑައެޅުމަށް ޕޭކޮމިޝަނެއް އެކުލަވާލުމަށް ސަރުކާރުން ފަރާތުން ހުށަހެޅި ދައުލަތުގެ މުސާރައިގެ ސިޔާސަތު ކަނޑައެޅުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.

ތިން ގަޑި އިރުގެ ބަހުސަކަށްފަހު މަޖިލީހުން މި ބިލު ބަލައި ގަތުމަށް 53 މެމްބަރުން ވޯޓުދެއްވި އިރު ބިލާ ދެކޮޅަށް ވޯޓް ދެއްވީ ތިން މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާ ދެ މެމްބަރަކު ތިއްބެވި އެވެ. އެހެން ކަމުން މި ބިލު ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް މިހާރު ވަނީ އިގްތިސޯދީ ކޮމިޓީއަށް ފޮނުވާފަ އެވެ.

މި އަދު ހެނދުނު ސަރުކާރުގެ ފަރާތުން ބިލު ހުށަހަޅަމުން ފުވަމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދައުލަތުގެ މުވައްޒިފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި ބާރު ލިބިގެންވާ ފަރާތްތަކަށް އަޅައި ކިޔާ ނުވަތަ ބުރަވާނެ ޕްރޮފެޝަނަލް މިނގަޑުތަކެއް ދުރާލާ ކަނޑައެޅިފައި ހުރުމަށް މަގުފަހި ކުރުން ކަމަށާއި މުވައްޒިފުންނަށް ދެވޭ މުސާރަ އާއި އިނާޔަތް ތަކުން އުފެއްދުން ތެރިކަން އިތުރުކޮށް ފަންނާއި ގިންތިތައް އަދި ފަންތިތަކުގެ މެދުގައިވާ ތަފާތުތައް ހަނި ކުރަން ކަމަށެވެ.

"މިއަދު މުޖުތަމައުން ފެންނަ ހަގީގަތަކީ އެއް ފާހެއް ހޯދައި ތައުލީމީ ގޮތުން އެއް ހަރުފަތުތަކެއް ގިރާކޮށް ތަޖުރިބާގެ ގޮތުން އެއް ހިސާބަކަށް ގޮއްސަ ތިބޭ ބޭފުޅުންގެ ވެސް އެބަހުރި މުސާރައިގެ ތަފާތުތަކެއް. އެހެންވީމަ މިތަފާތުތައް ނައްތާލައި ރައްޔިތުންނަށް ނުވަތަ ދައުލަތުގެ މުވައްޒިފުންނަށް ހަމަހަމަ ކަން ގެނެސް ދިނުން،" ޝާހް ވިދާޅުވި އެވެ.

އެގޮތުން މުވައްޒިފުންގެ ހައްގު ހޯދައިދީ އެފަދަ ތަފާތު ކުރުންތައް ނައްތާލުމަށް ނޭޝަނަލް ޕޭކޮމިޝަނެއް އުފަދަން ޖެހޭ ކަމަށް ބިލްގައި ވެއެވެ. އަދި އެކޮމިޝަނުގައި އެއިރެއްގެ ފިނޭންސް މިނިސްޓަރާއެކު ފަސް މެމްބަރުން ހިމެނޭކަމަށް ވެސް ބިލުގައި ބުނެ އެވެ.

މިބިލަށް ބަހުސްގައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ވަނީ ޕޭކޮމިޝަނެއް އުފެއްދުމަށް ތާއީދު ކުރައްވާފަ އެވެ. އެގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި ގޮތުގައި މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ވަރަށް ބޮޑަށް ބޭނުން ވެފައިވާ ކަމެއް ކަމަށާއި މަތީ މަގާމުތަކުގައި ތިބޭ މީހުނާއި އެހެން މީހުންނަށް ލިބޭ މުސާރައިގެ ފަރަގު ކުޑަ ކުރަން ޖެހޭ ކަމަށެވެ. އަދި އެބިލަށް ތާއީދު ކުރައްވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

އެހެން ނަމަވެސް ބައެއް އެމްޑީޕީ މެމްބަރުންނާއި އަދާލަތު ޕާޓީ ފަރާތުން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ބިލަށް ތާއީދު ކުރެއްވި ނަމަވެސް ފާހަގަ ކުރެއްވި އެއް ކަންބޮޑުވުމަކީ ޕޭ ކޮމިޝަނަށް މެމްބަރުން ކަނޑައެޅުމުގެ ބާރު ހަމަ އެކަނި ރައިސުލް ޖުމްހޫރިއްޔާއަށްދީފައި އޮތުމެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީ ފަރާތުން ކާށިދޫ ދާއިރާ ފައިސަލް ނަސީމް ވިދާޅުވީ ގޮތުގައި ދައުލަތުގެ މުވައްޒިފުން ގެ އިތުރުން ގިނަ ބަޔަކު ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާއިރު އެފަރާތްތަކަށް ވެސް ކުންފުނި ތަކުން ކުރަމުން އަންނަ ތަފާތުތައް ވެސް ނައްތާލަން ޖެހޭ ކަމަށެވެ. އެގޮތުން އެކަމަށް ކޮމިޓީ ތެރޭގައި ވާހަކަދެކެވި ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.